ޖަރުމަނުގެ ބުންޑަސްލީގާގައި ފްރޭންކްފާޓް އަތުން 5-1 އިން މޮޅުވެ, ބަލިނުވެ 48 މެޗު ހަމަކޮށް ލެވަކޫސަންއިން ރެކޯޑެއް ހަދާފިއެވެ.

ލެވަކޫސަން މި ރެކޯޑު ހަދާފައިވަނީ, 1963 ވަނަ އަހަރުން ފެށިގެން 1965 ވަނަ އަހަރުގެ ނިޔަލަށް, ޖެހިޖެހިގެން 48 މެޗު ބަލިނުވެ ކުޅުނު ބެންފީކާއާ އެއްވަރުކޮށްގެންނެވެ. އިތުރު މެޗެއްގައި ލެވަކޫސަންއިން ބަލިނުވެ ހިފަހައްޓާލައިފި ނަމަ އެ ރިކޯޑު ހިފަހައްޓާ ހަމައެކަނި ޓީމަށް ލެވަކޫސަންއަށް ވެވޭނެއެވެ.

ރޭގައި 5-1 އިން ލެވަކޫސަން, ފްރޭންކްފާޓް އަތުން ކުރި ހޯދި މެޗުގައި ލެވަކޫސަންއަށް ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަނީ, ގްރެނިޓް ޝާކާ, ޕެޓްރިކް ޝިކް, އިޒިކީލް ޕަލާސިއޮސް, ޖެރެމީ ފްރިމްޕޮންގް އަދި ވިކްޓޯ ބޮނިފޭސްއެވެ. ޕަލާސިއޮސް އާއި ބޮނިފޭސް ކާމިޔާބު ކުރި ދެ ލަނޑަކީ ޕެނަލްޓީއިން ކާމިޔާބު ކުރި ދެ ލަނޑެވެ. މެޗުގެ ފްރޭންކްފާޓަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ހިއުގޯ އެޓިކިޓޭއެވެ.

ޖަރުމަނުގެ ބުންޑަސްލީގާގެ ތަށި ޔަގީން ކޮށްފައިވާ ލެވަކޫސަންއަށް މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ބާކީ އޮތީ އެންމެ ފަސް މެޗެވެ. ލެވަކޫސަން މި ވަގުތު އޮތީ ޔޫރޮޕާ ލީގުގެ ސެމީގެ އިތުރުން ޑީއެފްބީ ޕޮކަލްގެ ފައިނަލުގައެވެ. އެ ދެ މުބާރާތް ކާމިޔާބު ކޮށް, ބަލިނުވެ އެއް ސީޒަނެއްގައި ތިން ތަށި ހާސިލުކުރި ފުރަތަމަ ޓީމަށް ވުމުގެ ފުރުސަތު ލެވަކޫސަންއަށް އެބައޮތެވެ.