ކުރިއަށް އޮތް ޔޫރޯގައި ވާދަކުރާ ގައުމުތަކުގެ ސްކޮޑުތައް 26 ކުޅުންތެރިންނަށް ގިނަ ކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ.

ޔޫއެފާ އެގްޒެކަޓިވް ކޮމިޓީއިން ޔޫރޯއަށް އެންމެ ފުރަތަމަ ކަނޑައެޅި 23 ކުޅުންތެރިންގެ ސްކޮޑު, 26 ކުޅުންތެރިންނަށް ގިނަ ކުރަން ނިންމީ ޔޫއެފާގެ ނޭޝަނަލް ކޮމްޕެޓިޝަންސް ކޮމިޓީގެ އެދުމުގެ މަތިންނެވެ. ޔޫއެފާއިން ހާމަކުރި ގޮތުގައި 26 ކުޅުންތެރިންނަށް ސްކޮޑުގެ ޖާގަ ގިނަ ކުރިކަމުގައިވިއަސް, ސްކޮޑުގައި 26 ކުޅުންތެރިން ހިމެނުމަކީ ޓީމުތަކަށް މަޖުބޫރު ކަމެއް ނޫނެވެ.

ސްކޮޑުގެ ޖާގަ ގިނަކުރުމުގެ މައިގަނޑު މަގްސަދަކީ އިންޖަރީއަށްފަހު އެނބުރި އަންނަ ކުޅުންތެރިން ސްކޮޑުގައި ހިމެނުމަށް ފުރުސަތު ދިނުމަށެވެ. ސްކޮޑުގެ ޖާގަ މަދުވުމުން އިންޖަރީގެ ސަބަބުން ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކުޅުންތެރިން ހިމެނުމަށް ޓީމުތަކުން ވަނީ ފަސްޖެހިފައެވެ. ސްކޮޑުގެ ޖާގަ ގިނަ ކުރުމާއެކު މި މައްސަލައަށް ހައްލެއް ލިބި ޓީމުތަކަށް ލުއިވެގެންދާނެއެވެ. ޔޫއެފާއިން, ޔޫރޯއަށް ކަނޑައަޅާ ސްކޮޑުތައް ހުށައެޅުމަށް ޓީމުތަކަށް ދީފައިވާ ސުންގަޑިއަކީ ޖޫން މަހުގެ ހަތްވަނަ ދުވަހެވެ.

ޖަރުމަނުގައި މި އަހަރު ކުރިއަށް ގެންދުމަށް ހަމަޖެހިފައިވާ ސަތާރަވަނަ ޔޫރޯގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 15 ޖޫން ވާ ދުވަހު ރާއްޖެ ގަޑިން 00:00 ގައެވެ. ޔޫރޯގެ އެންމެ ފުރަތަމަ މެޗުގައި ކުޅޭނީ, މުބާރާތުގެ ހޯސްޓުން ކަމުގައިވާ ޖަރުމަނާއި ސްކޮޓްލެންޑެވެ.