ސައޫދީ އަރަބިއްޔާގައި ރަސްކަންކުރައްވާ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމުގައިވާ، ޕްރިންސް ބަދްރު ބިން އަބްދުލް މުހުސިން ބިން އަބްދުލްއަޒީޒް އާލް ސައޫދު އަވަހާރަވުމާއި ގުޅިގެން، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ހާދިމް އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ އަރިހަށާއި، ސައޫދީ އަަރަބިއްޔާގެ ވަލީ އަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ސައޫދީ އަރަބިއްޔާގެ ރަސްގެފާނާއި އަދި ވަލީ އަހުދުގެ އަރިހަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު ވަކިވަކިން ފޮނުއްވި މެސެޖުގައި، ޕްރިންސް ބަދްރު ބިން ޢަބްދުލް މުހުސިން ބިން އަބްދުލްއަޒީޒް އާލް ސައޫދު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

ޕްރިންސް، ބަދްރު ބިން ޢަބްދުލް މުޙްސިން ބިން އަބްދުލްއަޒީޒް އާލް ސައޫދަކީ، ސައޫދީ އަރަބިއްޔާގެ މަޝްހޫރު ޅެންވެރިއެއް އަދި ލިޔުންތެރިއެއްގެ އިތުރުން، ދީލަތިކަމާއި ތޫނުފިލިކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށާއި، ސައޫދީގެ އަދަބިއްޔާތާއި ޘަގާފަތަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މުހިންމު ހިދުމަތްތަކުގެ އަގު އަންނާން އޮތް ޖީލުތަކުންވެސް ވަޒަންކުރަމުންދާނޭ ކަމުގައި ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ޕްރިންސް ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމުގެ ފާފަ ފުއްސުވުމަށް އެދި ދުޢާ ކުރައްވައި، އަދިސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި، ވަލީ ޢަހުދާއި، ޝާހީ ޢާއިލާއާއި، އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަމުންނެވެ.