މި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައިކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ކުރައްވަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ ވާހަކަފުޅު މި މޭރުމުން ކުރިއަށްގެންދަވަމުން ދާދިފަހުން ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ތަޤުރީރު ކުރެއްވި ދެ ވަޒީރުންގެ ވާހަކަފުޅުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އެގޮތުން އ.ދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑޮކްޓަރ އަލީ ހައިދަރު އަހުމަދުގެ ވާހަކަފުޅުގައި އެންމެ ވޯޓަކުން ވީޓޯކުރުމުގެ ބާރު ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކަފުޅާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްގެންދިޔަ، އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވާފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސްއޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ހީނާ ވަނީ ސަރުކާރުގެ ވަޒީރުން މި މަހު ކުރައްވަން ހުރި ދަތުރުފުޅުތަކާ ބެހޭ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވާފައެވެ. އަދި މި ދަތުރުތަކުގެ މަންޒިލްތައްވެސް ހިއްސާކުރައްވައި، މި ދަތުރުތަކާ ގުޅޭ އިތުރުމަޢުލޫމާތުތައް އެ މިނިސްޓްރީތަކުން ލިބިވަޑައިގަންނަވާނެކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން ރައްޔިތުންނަށް ފަސޭހަކަމާއެކު އަދި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލެއްވެވިއެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ފެންނާނެ ވެބްސައިޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ސަރުކާރުގެ ހުރިހާ އޮފީސްތަކުންނާއި ކުންފުނިތަކުން ހިންގާ ހުރިހާކަމެއް، ފޮޓޯ އަދި ވީޑިއޯވެސް ހިމެނޭހެން ހުރިހާ މައިލޫމާތުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވާކަމުގައެވެ. އަދި މި އިންތިޒާމުތައް އެކުލެވިގެން ތައްޔާރުކުރައްވާ ވެބްސައިޓް މި މަސް ނިމޭހާތާނގައި ރައްޔިތުންނަށް ފެންނާނެވަރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި ހީނާ ވަލީދު ވިދާޅުވިއެވެ.