މި ސީޒަން ނިމުމުން ވެސްޓްހޭމްގެ ކޯޗުކަމުގެ މަގާމުން ވަކިވާން ޑޭވިޑް މޮޔޭސް ނިންމައިފިއެވެ.
މޮޔޭސް ވެސްޓްހޭމް ދޫކޮށްލާނެ ކަމަށް އެ ކްލަބުން އިއުލާނު ކުރީ އިއްޔެ އެކްސްގައި އާއްމު ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ހާމަ ކުރި ގޮތުގައި 2023-2024 ވަނަ އަހަރުގެ ސީޒަން ނިމުމުން މޮޔޭސް އާއި ވެސްޓްހޭމްއާ ދެމެދު ހަދާފައިވާ ކޮންޓްރެކް ހަމަވުމުން މޮޔޭސް އެ ކްލަބު ދޫކޮށްލާނެއެވެ. އެ ޕޯސްޓުގައި ހާމަކުރި ގޮތުގައި އާ ކޮންޓްރެކްޓެއްގައި މޮޔޭސް ސޮއި ނުކުރީ, ވެސްޓްހޭމްގެ އިތުރުން މޮޔޭސް ވެސް އެގޮތަށް އެދޭތީއެވެ.
މޮޔޭސް ވަނީ އޭނާ ވެސްޓްހޭމްގައި ހޭދަކުރި ހަތަރު އަހަރުގައި އޭނާއަށް ހިތްވަރުދީ އޭނާއަށް ސަޕޯޓުކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ވެސްޓްހޭމްގައި އޭނާ ކުރި މަސައްކަތާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވެސް މޮޔެސް ވަނީ ފާހަގަކޮށްފައެވެ.
"އަހަރެން މި ކްލަބާ ގުޅުނުއިރު މި ކްލަބަކީ ރެލިގޭޝަން ޒޯނުގައި އޮތް ކްލަބެއް. އެކަމަކު އަހަރެން އިރުޝާދުގެ ދަށުން ޖެހިޖެހިގެން ތިން ސީޒަނުގައި ވެސްޓްހޭމް ވަނީ ޔޫރަޕުގެ މުބާރާތްތަކުން ޖާގަ ހޯދާފަ. ވަރަށް ހިތްހަމަ ޖެހުން ލިބޭ ވެސްޓްހޭމަށް މިހާ ބޮޑު ކުރިއެރުމެއް ގެނެވުނީތީ. އަހަރެން ކުރި ބުރަ މަސައްކަތަށް ހިތްވަރުދިން ހުރިހާ ފަރާތްތަކަށާއި, އަހަންނަށް މި ފުރުސަތު ދިނީތީ ވެސްޓްހޭމްގެ ބޯޑަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން" ކްލަބު ދޫކޮށްލާނެ ކަމަށް ހާމަކުރަމުން މޮޔޭސް ބުންޏެވެ.
މޮޔޭސް ވަނީ ވެސްޓްހަމަށް މީގެ ކުރިން ވެސް ކޯޗުކަން ކޮށްދީފައެވެ. މޮޔޭސް އެންމެ ފުރަތަމަ ވެސްޓްހޭމަށް ކޯޗުކަން ކޮށްދިނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ނަމަވެސް އެ ފަހަރު މޮޔޭސް ވަނީ އެންމެ ހަ މަހަށްފަހު ކްލަބާ ވަކިވެފައެވެ. މޮޔޭސް ދެވަނަ ފަހަރަށް ވެސްޓްހޭމާ ގުޅުނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އޭގެ ފަހުން މޮޔޭސް ވަނީ ވެސްޓްހޭމަށް ޔޫއެފާ ކޮންފެރެންސް ލީގު ކާމިޔާބުކޮށްދީ, އެ ކްލަބުގެ ސަޕޯޓަރުން 30 އަހަރު ވަންދެން ތަށްޓަކަށް ކުރި އިންތިޒާރު ނިމުމަކަށް ގެނެސްފައެވެ.
މޮޔޭސްގެ ބަދަލުގައި ދެން އަންނަ ސީޒަނުގައި ވެސްޓްހޭމްގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރާނީ, ކުރިން ސްޕެއިންގެ ގައުމީ ޓީމަށާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ހޫލެން ލޮޕެޓެގީއެވެ.