އައްޑޫ ސިޓީ އިން ކޮވިޑް 19 ފެނި ހާލަތު ގޯސްވަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވައިފައިވާތީ މިރޭ ފަތިސްނަމާދުން ފެށިގެން މިމަހުގެ 17 ވަނަދުވަހުގެ ޢަސްރު ނަމާދުގެ ނިޔަލަށް "އައްޑޫސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާޢަތް ނުހެދުމަށް" އިސްލާމިކް އެފެއާޒު މިނިސްޓަރ އަންގަވައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީ ސޮއިކުރައްވައި އައްޑޫ ސިޓީކައުންސިލަށާއި އެލްޖީއޭ އަށް ފޮނުވައިފައި އެންގުމެއްގައި ވިދާޅުވެފައިވަނީ މިޙާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ޞައްލޫ ފީ ބުޔޫތިކުމް" މި ފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މި ދަނޑިވަޅުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރިނަމަވެސް ފަރުޟު ފަސް ނަމާދު ބަރާރަށް އަދާކުރުމަށް ވެސް އިސްލާމިކް މިނިސްޓަރ ވަނީ ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ. އަދި ސުންނަތް ނަމާދު ގިނަކޮށް ގިނަގިނައިން ދުޢާކޮށް އިސްތިޣުފާރު ކުރުމަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ޢަމަލު ކުރުމަށާއި ﷲ ގެ ރަޙުމަތުން މާޔޫސް ނުވުމަށާއި ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް މިނިސްޓަރ ވަނީ ނަޞޭޙަތް ދެއްވައިފައެވެ.

އައްޑޫ ސިޓީން މިހާތަނަށް ވަނީ 23 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިތުރު މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.