އާޖެންޓީނާގެ ލެޖެންޑު ޑިއޭގޯ މެރެޑޯނާއަށް, 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލިބުނު ރަން ބޯޅަ އެވޯޑު ނީލަމަށް ވިއްކާލުމަށް ނިންމައިފިއެވެ.

"ދަ އަގުޓް" އިން ހާމަކުރިގޮތުގައި މަރަޑޯނާގެ ރަން ބޯޅަ އެވާޑު ވިއްކާލަން ހަމަޖެހިފައިވަނީ ފްރާންސްގައި ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. މަރަޑޯނާގެ ރަން ބޯޅަ އަކީ ތާރީހުގައި ވިއްކާލާ ފުރަތަމަ ރަން ބޯޅަ ކަމަށް ވާތީ ވިކޭނެ އަގެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމުގައިވިއަސް މިލިއަނަކަށްވުރެ މައްޗަށް އޭގެ އަގު އަރާނެ ކަމަށް ދަ އަގުޓް ލަފާ ކުރެއެވެ.

2020 ވަނަ އަހަރު ނިޔާވި މަރަޑޯނާ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަން ބޯޅަ ވަނީ މީގެ ކުރިން ވަގަށް ނަގާފައެވެ. ނަމަވެސް ވަރަށް ފަހުން ނީލަން ފިހާރައަކުން ވަނީ އެ ރަން ބޯޅަ ފެނިފައެވެ. އޭގެ ފަހުން ދަ އަގުޓް ކުރިއަށް ގެންދިޔަ ތަހުގީގުތަކުގައި ވަނީ އެ މައްސަލަ ބަލާ, އެ ބޯޅައަކީ މަރަޑޯނާގެ ރަން ބޯޅަކަން ކަށަވަރުކޮށްފައެވެ.

1982 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިފްތިތާހު ކުރި ރަން ބޯޅަ, ޖުމްލަ ދިހަ ކުޅުންތެރިން ވަނީ ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕައުލޯ ރޮސީ, ޑިއޭގޯ މެރެޑޯނާ, ސަލްވަޓޯ ސްކިލާޗީ, ރޮމާރިއޯ, ރޮނަލްޑޯ ނަޒާރިއޯ, އޮލިވާ ކާން, ޒިނެދީން ޒިދާން, ޑިއޭގޯ ފޯލަން, ލޫކާ މޮޑްރިޗް އަދި ލިއޮނަލް މެސީއެވެ. މީގެ ތެރެއިން ވޯލްޑް ކަޕް ރަން ބޯޅަ ދެ ފަހަރަށް ހާސިލުކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ލިއޮނަލް މެސީއެވެ.