އޮލިމްޕިއާކޮސްއާ ދެކޮޅަށް ކުޅޭ ޔޫއެފާ ކޮންފެރެންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގަކީ މީ ސީޒަނުގައި އެސްޓަން ވިލާ ކުޅޭ އެންމެ މުހިއްމު މެޗު ކަމަށް ވިލާގެ ކޯޗު އުނައި އެމެރީ ބުނެފިއެވެ.

އެސްޓަން ވިލާ މިރޭ 00:00 ގައި އޮލިމްޕިއާކޮސްއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލަށް ނިކުންނައިރު އެ ޓީމު އޮތީ ފުރަތަމަ ލެގުގައި 4-2 އިން ބަލިވެފައެވެ. އެހެންކަމުން ފައިނަލުގެ ޖާގަ ކަށަވަރުކުރަން ބޭނުންނަމަ ވިލާއަށް ޖެހެނީ ދެ ގޯލުގެ ތަފާތަކުން މެޗު ކާމިޔާބު ކުރާށެވެ.

ކުރިއަށް އޮތް ސެމީއާ ބެހޭ ގޮތުން ވާހަކަދައްކަމުން އެމެރީ ބުނީ އެ މެޗަކީ ވިލާ މި ސީޒަނުގައި ކުޅޭ އެންމެ މުހިއްމު މެޗު ކަމަށެވެ. އޮލިމްޕިއާކޮސްގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރާނަމަ އިތުރު ހިތްވަރެއް ނެރެން ޖެހޭކަމަށް ވެސް އެމެރީ ވަނީ ފާހަގަކޮށްފައެވެ.

"އަހަރަމެން މި ނިކުންނަނީ މި ސީޒަނުގައި އެންމެ ބޮޑު މެޗަށް. އަހަރެމެންގެ އަމާޒު އޮތީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާ ފައިނަލުން ޖާގަ ކަށަވަރުކުރުން. އަހަރެމެން މި ސީޒަނުގައި މިހާތަނަށް ދައްކަމުން އަންނަ ކުޅުމާ މެދު ފަހުރުވެރިވާން ޖެހޭ" ކުރިއަށް އޮތް ވަރުގަދަ ސެމީއާ ބެހޭ ގޮތުން ވާހަކަދައްކަމުން އެމެރީ ބުންޏެވެ.

ކުރިއަށް އޮތް ސެމީގައި ވިލާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަސްޓް ޗޮއިސް ގޯލްކީޕަރު ކަމުގައިވާ އެމީ މާޓިނޭޒައަށް މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީން ކަން ނެތުމެވެ. ސެމީގެ ފުރަތަމަ ލެގުގައި މާޓިނޭޒްއަށް ވަނީ ސަސްޕެންޝަނެއްގެ ސަބަބުން ކުޅެވޭ ގޮތް ނުވެފައެވެ. އަދި ވިލާ އެންމެ ފަހުން ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި މާޓިނޭޒް ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. މާޓިނޭޒްއަށް މެޗުގައި ނުކުޅެވޭ ނަމަ ވިލާއަށް ކުރިއަށް އޮތް ސެމީގައި ކީޕަރުކަން ކޮށްދޭނީ ރޮބިން އޮލްސެންއެވެ.