ދިވެހި ފުލުހުންގެ ހިދުމަތުން ރާއްޖެ އިން ބޭރުގެ އެއްވެސް ނަންބަރަކުން ނުގުޅާނެ ކަމަށާއި އެ ކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ އެ ހިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާކަން އެ ހިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ވީޑިއޯ ކޯލު މެދުވެރިކޮށް މިގޮތަށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލަ އެއް ދިމާވެފައިވާ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް ނުވަތަ ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާ އަށް ކާޑު ދެއްކުމަށް އެދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރަށް ފުލުހުން ބުނީ ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެން ކަމަށާއި އަދި އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން މިގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުން ދާކަން ވެސް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް މި ހިދުމަތުން އިލްތިމާސްކުރަމެވެ. އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ދިވެހި ފުލުހުންގެ ހިދުމަތުން ނުގުޅާނެކަމުގައި ވެސް ދަންނަވަމެވެ.