މި ސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށްލާނެކަން ފްރާންސްގެ ސުޕާސްޓާ ކިލިއަން އެމްބާޕޭ އިއުލާނުކޮށްފިއެވެ.
ޕީއެސްޖީ ދޫކޮށްލާނެ ކަން ނިންމި ނިންމުން އެމްބާޕޭ އިއުލާނުކުރީ, އޭނާ މި ސީޒަން ނިމުމުން ރެއާލް މެޑްރިޑާ ގުޅޭނެ ކަމަށް އެތައް ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޕީއެސްޖީ ދޫކޮށްލަން ނިންމި ނިންމުން ހާމަ ކުރަމުން އެމްބާޕޭ ސޯޝަލް މީޑިއާއަށް އާއްމު ކުރި ވީޑިއޯގައި އޭނާ ވަނީ ޕީއެސްޖީ ކަހަލަ ބޮޑު ކްލަބަކުން އޭނާއަށް ދިން ފުރުސަތަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ. ވީޑިއޯގައި އެމްބާޕޭ ބުނި ގޮތުގައި އޭނާ ޕީއެސްޖީ ދޫކޮށްލަން ނިންމީ އާ ޗެލެންޖެއް ބޭނުންވާތީއެވެ.
"އަހަންނަށް ކުރެވޭ އިހްސާސްތައް ބަޔާންކުރަން ދަތި. އެތަށް އަހަރެއް ވަންދެން ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބު ތަމްސީލު ކުރުމުގެ ފުރުސަތު އަހަންނަށް ލިބުނީތީ. އަހަރެންގެ ހިތަކަށް ނާރަ މި ކްލަބު ދޫކޮށްލާނެ ކަން އިއުލާނު ކުރަން މިހާ ހިތަށް އުނދަގޫ ވާނެ ކަމަކަށް. އަހަރެން ޕީއެސްޖީ ދޫކޮށްލަން މި ނިންމީ އިތުރު ޗެލެންޖެއް ބޭނުންވާތީ" ޕީއެސްޖީ ދޫކޮށްލާނެކަން އިއުލާނު ކުރި ވީޑިއޯގައި އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު ސީޒަން ލޯނެއްގެ ދަށުންނެވެ. އެމްބާޕޭގެ ހުނަރުވެރިކަމުން ޕީއެސްޖީ ވަނީ އެމްބާޕޭގެ އޭރުގެ ކްލަބު ކަމުގައިވާ މޮނަކޯއަށް 166 މިލިއަން ޔޫރޯގެ ބޮޑު ފީއެއް ދެއްކުމަށްފަހު, 2018 ވަނަ އަހަރު އޭނާ ދާއިމީ ކޮންޓްރެކްޓެއްގެ މަތިން ގަނެފައެވެ. އޭގެ ފަހުން އޭނާ ވަނީ ޕީއެސްޖީއަށް 306 މެޗު ކުޅެދީ 255 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެމްބާޕޭ ޕީއެސްޖީގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ ވަނީ ފުޓުބޯޅަ ދުނިޔޭގައި އެންމެ ވިދުންގަދަ އެއް ތަރިއަށްވެފައެވެ.