އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އަތުން 4-0 އިން މޮޅުވެ, މެންޗެސްޓާ ސިޓީ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ފުލަމްގެ ދަނޑު ކަމުގައިވާ ކްރޭވެން ކޮޓޭޖްގައި ކުޅުނު މެޗުގައި ސިޓީގެ ފަރާތުން ފެނިގެންދިޔައީ އާދަޔާހިލާފު މޮޅު ކުޅުމުކެވެ. އެގޮތުން ސިޓީ ވަނީ މެޗު ފެށިގެން 13 މިނެޓު ތެރޭގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ޖޮޝްކޯ ގުވާޑިއޮލްއެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ފިލް ފޯޑަން ވަނީ ސިޓީގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ގުވާޑިއޮލް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް, ސިޓީގެ ލީޑު ތިން ގޯލަށް ފުޅާކޮށްފައެވެ. އެއާއެކު މިއީ ގުވާޑިއޮލް ސިޓީއާ ގުޅުނު ފަހުން އެއް މެޗެއްގައި ދެ ގޯލު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ފުލަމްއަށް ކަންކަން ގޯހުން ގޯހަށް ދިޔައީ އެ ޓީމުގެ އީސާ ޑިއޮޕް ޕެނަލްޓީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި އޭރިއާ ތެރެއިން ޖޫލިއަން އަލްވަރޭޒްއަށް ކުރި ފައުލަކާ ގުޅިގެން ސިޓީއަށް ޕެނަލްޓީއެއް ލިބި, ޑިއޮޕްއަށް ރަތް ކާޑު ދެއްކުމުންނެވެ. ޑިއޮޕްގެ ފައުލުން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށް, ސިޓީގެ ލީޑު ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ އަލްވަރޭޒެވެ.

މެޗުން މޮޅުވުމާއެކު ސިޓީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައި ޗެމްޕިއަންކަމާ އެއް ފިޔަވަޅު ގާތަށް ޖެހިލެވިފައެވެ. ސިޓީ އެއްވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 85 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 83 ޕޮއިންޓެވެ. ދެ ޓީމަށް ވެސް މި ސީޒަނުގައި ބާކީ އޮތީ ދެ މެޗު ކަމަށް ވާތީ ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު އޮތީ ސިޓީގެ އަތުގައެވެ. އާސެނަލްއަށް ދެން ޗެމްޕިއަންކަން ހޯދޭނީ ބާކީ އޮތް ދެ މެޗުގެ ތެރެއިން މެޗަކުން ސިޓީއަށް މޮޅު ނުވެވިއްޖެ ނަމައެވެ.