(ހަތްވަނަ ބައި)
ލިޔުނީ: ޝަހީން މުހައްމަދު
ދެންވެސް މިކްޔާއީލް ހުރީއެވެ. ޒާއިރާ ދެވަނަ ފަހަރު ވާހަކަ ދައްކަން ފެށުމުމުގެ ކުރިން އިސްއުފުލާލާ މިކްޔާއީލްގެ މޫނަށް ބަލާލަމުން ބާރުގަދަ އެދެއަތުގެ ތެރެއިން ކުޑަކޮށް ދުރަށް ޖެހިލިއެވެ. އެހެންނަމަވެސް އަނެއްކާވެސް ޒާއިރާ ގެނެސް ދެއަތުގެ ތެރެއަށްލާ ބޮނޑިކޮށްލަމުން މިކްޔާއީލް ވާހަކަ ދައްކަން ތައްޔާރު ވިއެވެ.
"ޒާއި! އަހަންނަކީ ޒާއި ތިހީކުރާ ކަހަލަ މީހެއްނޫން! އަހަރެންގެ އެއްވެސް ބާރެއް ވާނަމަ އަހަރެން ޒާއި ދެކެ ލޯތްބެއް ނުވީމުސް! އެކަމަކު ޒާއި ގެ ފަރާތުން އަހަންނަށް ލިބުނު ދައުވަތާ އެކު އަހަންނަށް ޒާއި ދެކެ ލޯބި ވެވުނީ! ވަރަށް ބޮޑަށް ވެސް ލޯބި ވެވުނީ! އެ ލޯބީގައި ނިމިދާނީ އަހަރެން އެކަނި ނަމަ .... އަހަރެން އެކަނި ނަމަ ޔަގީނުން ވެސް ޒާއިއަށްޓަކައި އަހަރެން ޤުރުބާންވީސް... އެކަމަކު... އާހް!" މިކްޔާއީލް ހުއްޓައިލިއެވެ.
"މިކް، ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ! އަހަރެން މިހިރީ މިކްއާ އެކު އުޅެން ... ދެން ކީއްވެ ..ކޮން މަޖުބޫރެއް އޮތީ އަހަރެން ދޫކޮށްލުމުގެ!" ޒާއިރާ އުޅުނީ މިކްޔާއީލްގެ މޫނުގައި ދެއަތުން ހިފާލާށެވެ. އެކަން މަނާކުރީ މިކްޔާއީލް އެވެ. ލުއި ލުއިކޮށް ޒާއިރާ އަނބުރާލާ ޒާއިރާގެ ކޮނޑުމަތީ ދެއަތް ބާއްވައިލިއެވެ.
"ޒާއިއަކަށް އަދި ނުވިސްނޭނެ! އެކަމަކު ފަހުން ވިސްނޭނެ! އެނގޭނެ ... ހުރިހާ އެއްޗެއް ވެސް އެނގޭނެ!" މިކްޔާއީލް އަނެއްކާވެސް ޒާއިރާ އޭނައާ ވީފަރާތަށް އަނބުރައިލިއެވެ.
"އަހަންނަށް ވަނީ މަޖުބޫރުވެފަ!... އަހަރެންގެ މައިންބަފައިން ވަނީ އެހެން ފަރާތަކާ އަހަރެންގެ ކައިވެނި އަހަރެން ވުޖޫދުވުމުގެ މާކުރިން ހަމަ ޖައްސާފަ! އަހަރެމެންނަކީ ވަޢުދެއްކޮށްފިއްޔާ އެ ވައުދުގެ މަތީ ދެމި ތިބޭ ބައެއް!... ވައުދު އުވާލާފިނަމަ އެމީހަކަށް އޮންނާނީ މަރުގެ އަދަބު.... ނުވަތަ އުމުރަށް ޖަލުގެ އަނިޔާވެރި ތޭރިތަކުގެ ތެރެއަށް އަހަރެމެންލާނެ!"
"އަޅޭ! މިކް، ތީ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ! މިކްގެ ހާލު ރަނގަޅުތަ!" ޒާއިރާއަށް ވަރަށް އަސަރުކޮށްފިއެވެ. ނޭނގޭ ބިރުވެރިކަމަކުން ޒާއިރާ ހާސްވާން ފަށައިފިއެވެ. ފުރާނަފަދަ ލޯބިވާ މިކްޔާއީލްއަށް ޓަކައި އެ ހިތުގައި ހަމްދަރުދީ އުފެދިގެން އައީ ހައްދެއް ނެތިއެވެ. ގަދަކަމުން މޫނުހިއްލާލާ މިކްޔާއީލްގެ މޫނަށް ޒާއިރާ ބަލައިލިއެވެ. މިކްޔާއީލް އެއް ނުރޮއެ އެވެ. އެހެންނަމަވެސް އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އަދި އެ ދެލޮލުން އޭނާއަށް ކޮށްފައިވާ އަސަރު ފާޅުވާން ހުއްޓެވެ.
"އަހަރެންގެ މައިންބަފައިން އަހަރެންގެ ކައިވެނި ކުރުވާ ފަރާތަކީ އަނިޔާވެރިއެއް. އޭނާ އަހަންނަށްވުރެ ބޮޑަށް އަނިޔާކުރާނީ ޒާއި އަށް! މިއީކީ އެއްގޮތަކަށް ވެސް އަހަރެންނަށް ބަލަން ހުންނަން ކުޅަދާނަ މަންޒަރަކަށް ނުވާނެ! އޭނާ އަހަރެންގެ ޒާއިގެ ދިރިއުޅުން ނަރަކައަކަށް ހަދާނެ! ކޮންމެ ދުވަހަކު އެތައް ފަހަރަކު މަރުގެ ރަހަ ދައްކާނެ! ޒާއި ކޮށާ ކުދި ކުދި ކުރާނެ!.... ލޯބި އަހަރެން ދާން ވެއްޖެ! އަހަރެންގެ ވަގުތު ހަމަވެއްޖެ!" މިކްޔާއީލް ޒާއިރާ ދުރަށް ޖައްސައިލިއެވެ. އަދި އަނެއްކާވެސް ގެނެސް މެއާލާ ބޮނޑިކޮށްލިއެވެ.
ކުއްލިއަކަށް ކައިރީގައިހުރި ބަނބުކެޔޮގަހުން އެތައް ވާލެއް ހޭރެމުން އުދުހެން ފަށައިފިއެވެ. އެކި ކޮޅުކޮޅަށެވެ. ކުރިމަތިން އެތައް ހިޔަންޏެއް ހަރަކާތްކުރަން ފަށައިފިއެވެ. ހީވަނީ ހަނގުރާމައެއް ކުރާހެންނެވެ. ކާޅުތައް އައިސް ޒާއިރާ އާއި މިކްޔާއީލްގެ ބޯމަތިން އުދުހެން ފަށައިފިއެވެ. އެތައް ސަތޭކަ އަލިގުޅަތަކެއް އެދެމީހުންގެ ވަށައިގެން ޠަވާފުކުރާހެން ހަރަކާތްކުރާތަން ޒާއިރާއަށް ފެނުނެވެ. ބިރުން ގޮސް ޒާއިރާގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. ދެއަތުން މިކްޔާއީލްގެ ގައިގާ ހިފާ ބައްދައިގަނެވުނެވެ.
"ޒާއި، ލޯބިވާ!... އެމީހުންނަކަށް ޒައި އަކަށް އެއްވެސް ކަމެއް ނުކުރެވޭނެ! އެއްވެސް ކަމެއް ނުކުރެވޭނެ!...." އެވަގުތު ކޮންމެވެސް ނޭނގޭ ބާރަކުން މިކްޔާއީލް ދަމާ ގެންދާހެން ޒާއިރާއަށް ހީވެއްޖެއެވެ. މިކްޔާއީލް ޒާއިރާ އާ ވަކިވެއްޖެއެވެ. އެހެންނަމަވެސް މިކްޔާއީލް ޒާއިރާގެ އަތުން ދޫކޮށެއް ނުލައެވެ.
"ޒާއި، މިއީ ޒާއި އާ އަހަރެންގެ އެންމެ ފަހުގެ ބައްދަލުވުން! އަހަރެމެން ދެން ދުވަހަކު ވެސް ބައްދަލެއް ނުވާނެ! .. އަހަރެން ނެތަސް ... އަހަރެން އަބަދުވެސް... މަރުވަންދެން ވެސް ... އަހަރެން ޒާއި ދެކެ ލޯބިވާކަން ހަނދާނުގައި ބަހައްޓާތި! ... އަހަރެން ބޭނުން ޒާއި އެއް ކަމަކަށް .... ހަމަ އެންމެ ކަމަކަށް ވައުދުވާން! ... އަހަންނަށް ޓަކައި ހިތްވަރުކުރޭ! އަހަންނަށް ޓަކައި... އަހަރެމެން ދެމީހުންގެ ލޯތްބަށްޓަކައި ދިރިހުރޭ!.. ޕްލީޒް! އަހަރެމެން ދެމީހުންގެ ލޯތްބަށްޓަކައި ދިރިހުރޭ!" މިކްޔާއީލް އާ ޒާއިރާ ވަކިވެއްޖެއެވެ. ކޮންމެވެސް މީހަކު މިކްޔާއީލް ދަމާ ގެންދިޔައީއެވެ. އެވަގުތު ކޮންމެވެސް މީހެއްގެ ހަޅޭކުގެ އަޑުން ޒާއިރާގެ ކަންފަތް ބަތްވެގެންދިޔައެވެ. އެއީ މިކްގެ އަޑެވެ. އެވަރުގެ ބާރުގަދަ އަޑެއް ދުވަހަކުވެސް ޒާއިރާގެ ކަންފަތަށް އިވިފައެއް ނުވެއެވެ.
ހޭނެތިގެން ވެއްޓެމުންދިޔަ ޒާއިރާއަށް ފެނުނީ ބިރުވެރި ސިފަތަކަކަށް ތިބި ބޮޑެތި ބިޔަ ގަސްތަކެއްފަދަ ހިޔަނި ތަކެކެވެ. އެމީހުން ހަނގުރާމަކުރަނީއެވެ. ހަޅެއްލަވަނީއެވެ. އެތައް ހާސް އަލިގުޅަތަކެއް ޒާއިރާގެ ވަށައިގެން އެނބުރެނީއެވެ. ޒާއިރާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނީއެވެ.
މާޒިންއާ އޭނާގެ އެކުވެރި ހާޒިމް ދަތުރުކުރަމުން ދިޔަ ފްލައިޓް ފުވައްމުލަކުގެ ވައިގެ ބަނދަރަށް ޖެއްސީ ގަޑިން އެގާރަގަޑި ތިރީސް ވީފަހުންނެވެ. މި ދަތުރު އޮފީހުން ކުރު ޗުއްޓީއެއް ނަގަން މާޒިންއަށް ޖެހުނީ ހާޒިމްގެ ގަދައެޅުމުގެ ސަބަބުންނެވެ. ބޮޑަށް އޭނަގެ އާދޭހުގެ ސަބަބުންނެވެ. ހާޒިމް އެ ކުއްޖަކަށްޓަކައި ދީވާނާވެފައިވާ އަންހެންކުއްޖާއާ ބައްދަލުކޮށް އޭނަގެ ލޯބި ހުށަހަޅަން ހާޒިމް ބޭނުންވީ ފެހިކަންގަދަ ފުވައްމުލަކުގެ ހުދު ދޮންވެލި ތުނޑީގައެވެ. އެ ފުރުސަތު ފަހަރެއްގައި ގެއްލިދާނެތީ ހާޒިމް ބިރުގަންނަނީއެވެ. އެކަހަލަ 'ރޮމޭންޓިކް" ޖައްވެއްގައި އަންހެންކުއްޖާއަށް ނޫނެކޭ ބުނަން އުދަނގޫވެ އެއްބަސްވެދާނެކަމަށް ހާޒިމްއަށް ހީވަނިއެވެ.
މާޒިންމެން ތިބެން ހަމަޖައްސާފައިވާ ގޭގެ އެޑްރެސް ބުނުމުން ކާރުގެ ޑްރައިވަރު ބޯޖަހާލަމުން ކާރު ދުއްވައިލިއިވެ. އެ އިޝާރާތުގެ މާނައަކީ އެގެ އޭނައަށް އެނގޭކަމެވެ. އެހެންނޫނަސް ހާޒިމް އިނީ ފޯނުން އެ ގެއަށް ދާންވާ ރާސްތާ ހޯދާ ދަތުރުކުރަމުންދާ މަގު މާޒިންއަށް ކިޔައިދެމުންނެވެ. ފޯނުން ދައްކާގޮތުން އެ ގެ އެހުރީ މިހާރު ވަރަށް ކައިރީގައެވެ. ގާތްގަނޑަކަށް ތިން ހަތަރު މިނިޓުން އެމީހުން ތިބޭނީ އެގޭގެ ދޮރުމަތީގައެވެ.
ކުއްލިއަކަށް ކާރުގެ ކުރިމަތިންނާ އެމީހުންގެ ބޯމަތިން އެތައް ހާސް އަލި ގުޅަތަކެއް އެކި ދިމަ ދިމާއަށް އުދުހެމުންދާތަން އެ ވަގުތު ކާރުގައި ތިބި ތިން މީހުންނަށް ވެސް ފެނުނެވެ. ވެގެންއުޅޭގޮތެއް ކިރިޔާވެސް ރޭކާލަނީ ހާޒިމްއަށެވެ. ދެން ތިބި ދެމީހުން ތިބީ ހަދާނެ ގޮތެއް ނޭނގި ހުއްޓުން އަރާފައެވެ.
"ކާރު މަޑުނުކުރޭ! ކުރިއަށް ދުއްވާ!" ހާޒިމް އަމުރުވެރި ރާގަކަށް ބުންޏެވެ. އެ ބުނި ގޮތުން ޑްރައިވަރަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބި ކާރުގެ ދުވެލި ބާރުކޮށްލިއެވެ. ކާރު ކުރިއަށް ދިޔަވަރަކަށް ކޮވެލިތަކާ ކާޅުތަކާ ވާލުގެ ބައިބައިގަނޑު ވެސް އެމީހުންނަށް ފެންނަމުން ދިޔައެވެ. ދެކޮޅަށް އުދުހޭތަނެވެ. އެހެންނަމަވެސް އެމީހުންނަށް އެމީހުން ތިބެން ހަމަ ޖެހިފައިވާ ގެއާ ހަމައަށް ގާތްގަނޑަކަށް ދެވުނުފަހުން އެ ހުރިހާކަމެއް ވެސް ހަމައަކަށް އެޅިފައިވާތަން އެމީހުންނަށް ފެނުނެވެ. އެހެންވިޔަސް ޑްރައިވަރު ވެސް އަދި މާޒިން ވެސް ކާރުން ފައިބަން ނުކެރި މަޑުން ތިއްބެވެ.
ފުރަތަމަ ކާރުން ފޭބީ ހާޒިމްއެވެ. އަދި ކާރުގެ ދޮރުފަތް ލައްޕާލަމުން ހާޒިމް ތުންތަޅުވަމުން ދިޔަތަން ކާރުން ނުފައިބާ ތިބި ދެމީހުންނަށް ފެނެއެވެ.
އެދެމީހުން ކާރުން ފޭބީ ހާޒިމް އިޝާރާތް ކުރުމުންނެވެ. ހާޒިމް އުޅުނީ ޑިކީ ހުޅުވާލާށެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތުގައި ހާޒިމްއަށް އެހެންކަމެއްގެ އިޝާރާތެއް ވިކަހަލައެވެ. އެއް ފަރާތުގައި އޮތް ކޮންމެވެސް އެއްޗަކަށް ހާޒިމްގެ ސަމާލުކަން ދެވުނެވެ. އެ އެއްޗެއް އޮތީވެސް މަޑުކޮށްފައި އޮތްކާރާ މާދުރުނޫން ހިސާބެއްގައެވެ. ހާޒިމް މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. ދެތިން ފިޔަވަޅު ކުރިއަށް އެޅުމުން އެއީ އަންހެންކުއްޖެއްކަން ހާޒިމްއަށް ކަށަވަރުކުރެވުނެވެ. ހާޒިމް ނެގީ އިރުކޮޅެއް ކުރިން ޖިންސްގެ ޖީބަށްލީ ފޯނެވެ. އަދި އެނބުރި ކާރުން ފައިބާ ކާރު ކައިރީ މަޑުކޮށްގެން ހައިރާންކަމުގެ ބެލުމަކުން ހާޒިމްއަށް ބަލަހައްޓައިގެން ތިބި މާޒިން އަށާ ޑްރައިވަރަށް ބަލާލަމުން އިޝާރާތްކޮށްލިއެވެ. އެއަށްފަހު ފޯނުން ކުރިމައްޗަށް އަލިކޮށްލިއެވެ. ހާޒިމްއަށް ފެނުނީ ހަމަ ރަނގަޅަށްވެސް އަންހެންކުއްޖެކެވެ. މޫނުވަތަށް ވެއްޓިފައި އޮތުމުން ކިހާ އުމުރެއްގެ ކުއްޖެއްކަމެއް ނޭނގެއެވެ. އެހެންނަމަވެސް ލައިގެން ހުރި ހެދުމުން އެއީ ޒުވާން އަންހެންކުއްޖެއްކަން ހާޒިމަށް އެނގުނެވެ.
މަޑު ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ގޮސް ހާޒިމް މަޑުކުރީ އެކުއްޖާއާ ދާދި ގާތުގައެވެ. އޭރު މާޒިން އާ ޑްރައިވަރާ ދެ މީހުން ވެސް އައިސް ފަހަތުގައި މަޑުކުރަނީއެވެ. އެމީހުންގެ މޫނުމަތިން ހާޒިމްއަށް ފެނުނީ އެމީހުން ބިރުގެންފައިވާ މިންވަރެވެ. ހާޒިމްއަށް އެނގެއެވެ. އެތަނުގައި އިސްނަގާނެ މީހަކަށް ހުރީ ހާޒިމްއެވެ. ހާޒިމް އަތުގައި އޮތް ފޯނު މާޒިން އަތަށް ދެމުން ޖެހިލީ އެ ވެއްޓިފައިވާ ކުއްޖާއާ ކައިރިއަށެވެ. އަދި ގުދުވެ އެކުއްޖާ ގައިގާ އަތްޖައްސާލާ އަނބުރައިލިއެވެ. ހާޒިމް އާ ވީފަރާތަށެވެ. ހާޒިމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފުރަތަމަ ފުންމައިގެން ތެދުވެވުނެވެ. އެއަށްފަހު އަނެއްކާވެސް އެހާ އަވަހަށް ގުދުވެ ޒާއިރާ ކައިރީ ކުޑަކަކޫ ޖަހައިގެން އިށީނދެ ޒާއިރާއަށް ގޮވަން ފަށައިފިއެވެ. އެ އަޑުގައިވަނީ ކަންބޮޑުވުމެވެ.
ޒާއިރާގެ އެއްވެސް ހަރަކާތެއް ނެތެވެ. ހާޒިމްގެ އިނގިލިތައް ޖައްސައިލީ ޒާއިރާގެ ކަރުދޮށުގައެވެ. ދެން ކަނާތްތިލަ ނަގާ ކުޑަހުޅާ ދިމާލުން މަތީގައި އިނގިލި ޖައްސާލާ ވިންދު ބަލައިލިއެވެ.
"ގުޅާ ކޮއްކޮއަށް!" މާޒިން ނެގީ އޭނަގެ އަމިއްލަ ފޯނެވެ. ހާޒިމް އަތްދަނޑިމައްޗަށް ނެގީ ޒާއިރާއެވެ. އެއަށްފަހު ކާރާ ދިމާއަށް އެމީހުން ހިނގައިގަތެވެ. އޭގެ ކުރިން އެއްވެސް މީހަކު ފަހަތަށް އެނބުރި ނުބެލުމަށް ހާޒިމް ބުންޏެވެ. އެހެން ހަމަ ބުނުމާއެކު ޑްރައިވަރު ދުއްވައިގަތެވެ. ދަސްހުރި ހުރިހާ އެއްޗެއް ކިޔަމުންނެވެ. އިރުކޮޅެއްކުރިން ކަންތައް ހިނގަމުން ދިޔަގޮތް މާޒިންއަށް ވެސް ފެނިފައި އޮތުމުން އޭނާ ވެސް ހުރީ ގާތްގަނޑަކަށް ހުން އައިސްފައެވެ. ބިރުންނެވެ.
ހާޒިމްގެ އަތްދަނޑިމައްޗަށް ޒާއިރާ ނަގައިގެން ހިނގައިގަތް ވަގުތު އަނެއްކާވެސް މުޅި އުޑުމަތި އަލިކޮށްލަމުން އެމީހުން ފަސްދީ ބޮޑުސިންގާ އަލިގަނޑެއް ދިޔަތަން ހާޒިމްއަށް އަދި މާޒިންއަށް ވެސް ފެނުނެވެ.
"ހަމަޖެހޭ! ބިރު ނުގަނޭ! ކުރުސި ކިޔަވާ!" ހާޒިމް މަޑުމަޑުން ބުންޏެވެ.
ޒާއިރާ ގޮވައިގެން އެދެމީހުންނަށް ގޭގެ ފުޅަލިއާ ހަމައަށް ދެވުނުއިރު ޒުހުރާ ގޭގޭ ހުޅުވިފައި ހުރި ފުޅަލިން ނުކުންނަނީއެވެ. މަގުގެ ދެކޮޅު ބަލާލަން އޭނާ އުޅެގަތްވަގުތު ޒުހުރާ ކޮއްޕާލާފަ ޑްރައިވަރު ދުވެގޮސް އެގޭގެ ސިޓިންގްރޫމަށް ދެމިގަތެވެ. ފުޅަލީގެ އެއްފަރާތުގައި ޒުހުރާގެ ފަހަތުގައި ހުރި ޒުހުރާގެ ފިރިމީހާ ވެސް އެވަގުތު ޑްރައިވަރަށް ނުފެނުނެވެ.
ޑްރައިވަރު އެއީ ޒުހުރާގެ ފިރިމީހާ ދަންނަމީހަކަށް ނުވާތީ އެމީހާ ދުވެގޮސް ގޭގެ ސިޓިންގރޫމަށް ވަންތަން ފެނުމުން ޒުހުރާގެ ފިރިމީހާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެހެންކަމުން ޒުހުރާ ކައިރީ މަޑުނުކޮށް އޭނާ ވެސް ގޮސް ވަނީ ސިޓިންގރޫމަށެވެ.
"އެންމެން އެތެރެއަށް ވަދޭ! މަގޭ ކުރީގަ ތިބެގެން ގޮސް އެތެރެވޭ!" ހާޒިމް ހަމަ އެހެން ބުނުމާއެކު މާޒިން ވެސް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެގޭގެ ސިޓިންގރޫމަށް ވަދެއްޖެއެވެ.
ވާއެއް ނުވާއެއް ރޭކާ ނުލާހުރި ޒުހުރާ އަދިވެސް ފުޅަލީގެ އެއްފަރާތުގައި މަޑުކޮށްގެން އެބަހުއްޓެވެ. މާޒިންއާ އެކު އައި މި ފިރިހެން ކުއްޖާގެ އަތްދަނޑިމަތީގައި މިއޮތީ ކޮން އަންހެން ކުއްޖެއްބާވައެވެ. އަނެއްކާ މީ ކިހިނެއް އުޅޭ ކޮންކަހަލަ ބައެއް ބާވައެވެ. މި ވެގެން އުޅެނީ ކިހިނެއްބާވައެވެ. ތަކުރާރުކޮށް ޒުހުރާގެ ހިތުގައި އެއްސުވާލުތަކެއް ހިނގަމުން ދިޔައެވެ.
"ޒުހުރާ!" އެއިވުނީ ޒުހުރާގެ ފިރިމިހާގެ އަޑެވެ. ޒުހުރާއަށް ހޭވެރިކަންވީ އެހިސާބުންނެވެ. އަޅައި އިތިކޮށް ޒުހުރާ ދުއްވައިގަތެވެ. އޭރު ހުރީ ފާޑެއްގެ ބިރެއް ހިތަށް ވެރިވެފައެވެ.
ޒުހުރާ ވަންނަންދެން މަޑުކޮށްގެން ހުރި ހާޒިމް އެތެރެއަށް ވަދެއްޖެއެވެ. އޭރު ހާޒިމް ހުރީ ވަރުބަލިވެފައެވެ. އެހާއިރު ވަންދެން ޒާއިރާ އަތްދަނޑިމައްޗަށް ލައިގެން ހުރީމައެވެ. އެންމެން ވަދެ ނިމުމުން ލަގޭޖާ ލަގޭޖް ވެސް ދޫކޮށްލާފައި އެމީހުން އެންމެން އެގޭ ސިޓިންގރޫމުގައި މަޑުކޮށްގެން ތިއްބެވެ. ހާޒިމް އާއި ޒުހުރާ، ޒާއިރާ ހޭއަރާތޯ މަސައްކަތްކުރަމުން ދިޔައެވެ.
(ނުނިމޭ)
ޥަރަށް ވަރަށް ރީތި.