އައްޑޫ ސިޓީ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި އެންމެންގެ ޙާލު ރަނގަޅު ކަމަށް އައްޑޫ މޭޔަރު ޢަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ ވިދާޅުވީ މިހާތަނަށް އެއްވެސް މީހެއްގެ ޙާލު ސީރިއަސް ނޫން ކަމަށާއި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހަކު ވެސް އަދި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
އެޑުމިޓްކޮށްގެން ފަރުވާދޭން ޖެހިއްޖެ ޙާލަތުގައި ފަރުވާދޭނީ ކޮވިޑިފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކުރީގެ ރީޖަނަލް ހޮސްޕިޓަލުގައެވެ. އެތަން މިހާރުވަނީ އެޑުމިޓްކޮށްގެން ފަރުވާދެވޭ ވަރަށް ތައްޔާރު ކޮށްފައެވެ. އެހެންނަމަވެސް އެތަނުގައި އެކަށީގެންވާ ވަރާ ގާތަށް ވެސް ވެންޓިލޭޓަރު ނެތް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އައްޑޫ އެއާޕޯޓު ކްލަސްޓަރ އިން މިހާތަނަށް ވަނީ 22 މީހުން ޕޮޒިޓިވް ވެފައެވެ. ހުމީދޫ ކްލަސްޓަރއިން ޕޮޒިޓިވް ވެފައިވަނީ 26 މީހުންނެވެ. މީގެ ތެރެއިން އެއާޕޯޓް ކްލަސްޓަރ އާ ގުޅުންހުރި 300 އެއްހާ ކޮންޓެކްޓުން އެބަތިބި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.