ޢާފިޔާ އަކީ، ދުނިޔެ އިން އެއްމެ ބޭނުންވާ އަދި އެއްމެ ނުރައްކަތެރި އަންހެނާ ކަމުގައި 2010 ގެ މެއި މަހު އެމެރިކާ އިން އިޢުލާން ކުރިއެވެ. އެމެރިކާގެ ޖަލެއްގައި 84 އަހަރުގެ ޙުކުމަކާ އެކު ޢާފިޔާ ޞިއްދީޤީ ބަންދުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ޕާކިސްތާނަށް ނިސްބަތްވާ މި އަންހެން މީހާ އަކީ އެހާ ނުރައްކާތެރި މީހަކަށް ވީ ކީއްވެގެން ބާއެވެ؟ އޭނާ އެމެރިކާގެ ޖަލަކަށް ގެންދެވުނީ ކިހިނަކުން ހެއްޔެވެ؟ ޑރ. ޢާފިޔާ ޞިއްދީޤީ އަކީ 1972 ވަނަ އަހަރު ޕާކިސްތާނުގައި އުފަންވި، ޕާކިސްތާނުގެ ދަރިއެކެވެ. އޭނާ އުފަންވީ އެ ޤައުމުގެ ކަރާޗީ ޝެހެރުގައި ދިރިއުޅޭ ސުންނީ މުސްލިމް ޢާއިލައަކަށެވެ.

ޑޮކްޓަރ ޢާފިޔާ އަކީ ޕާކިސްތާނާއި، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެސް މަޝްހޫރު ނިއުރޮލޮޖީ ސައިންޓިސްޓެކެވެ. އޭނާ ނިއުރޮލޮޖީ ކިޔެވީ އެމެރިކާގެ މަސަޗިއުސެޓް އިންސްޓިޓިއުޓް އޮފް ޓެކްނޮލިޖީ (އެމްއައިޓީ) އާއި، ބްރަންޑައިސް ޔުނިވަރުސިޓީ އިންނެވެ. ޕީއެޗްޑީ ހެދީ ބްރަންޑައިސް ޔުނިވަރުސިޓީ އިންނެވެ. އޭނާ އެތަކެއް އާއީޖާދު ކޮށްފައިވެއެވެ. ޑޮކްޓަރ ޢާފިޔާ ކިޔަވައި ނިމިގެން އެނބުރި އޭނާގެ ޤައުމަށް، ޕާކިސްތާނަށް 2003 ވަނަ އަހަރު ގޮސް އޭނާގެ އާ އީޖާދުތަކާ އެކު މަސައްކަތް ފެށިއެވެ. ބައޮލޮޖިކަލް ހަތިޔާރުގެ ނުރައްކަލުން އިންސާނުން ސަލާމަތް ކުރުމާ ގުޅޭގޮތުން މަސައްކަތް ފެށިއެވެ. ޑޮކްޓަރ އާފިޔާގެ އެ މަސައްކަތް ވެގެންދިޔައީ އެމެރިކާގެ ނުރުހުން ލިބުނު ކަމަކަށެވެ. އެ ދުވަސްވަރަކީ، އެމެރިކާއިން އިންސާނުން ފަނާކުރުވަނިވި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމަށްޓަކައި ބިލިއަނުން ޚަރަދުކުރަމުން ދިޔަ ދުވަސްވަރެވެ.

އެހެންކަމުން ޑޮކްޓަރ އާފިޔާ އަކީ އެމެރިކާ އަށް ނުހަނު ބޭނުންވި މީހެކެވެ. އޭނާ ލައްވައި އެމެރިކާ އަށް އައު އީޖާދުތައް ކުރުވުމަށް މަސސައްކަތް ކުރިއެވެ. އެމެރިކާގެ ރަށްވެހިކަން ދިނުމާއި، މަތީ މަޤާމާއި، ފައިސާ ހުށަހެޅުނެވެ. ނަމަވެސް ޑޮކްޓަރ ޢާފިޔާ ޞިއްދީޤީ އެއަށް ދިނީ ނޫން ޖަވާބެވެ. އަދި އިސްކަން ދިނީ އިންސާނިއްޔަތަށެވެ. އިސްލާމީ އުންމަތާއި، އަމިއްލަ ޤައުމަށެވެ. އެ ދުވަސްވަރު ދިމާވީ އެމެރިކާ އަށް "ނައިން އިލަވަން" ޙަމަލާ ދީގެން އުޅުނު ދުވަސްވަރެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ އެމެރިކާގެ ޓުއިން ޓަވަރަށާއި، ޕެންޓަގަން އަށް މަތިންދާ ބޯޓުތަކަކުން ޙަމަލަދީގެން އުޅުނު ދުވަސްވަރަށެވެ.

އެހެންކަމުން އަލްޤަޢިދާގެ ޢަމަލެއް ކަމުގައި ބުނެ އަ ޖަމާޢަތް ނައްތާލުމަށް އަފްޣާނިސްތާނަށް އަރައި، އެއިރު އެޤައުމުގައި ވެރިކަން ކުރި ޠާލިބާނުންގެ ސަރުކާރު ވައްޓާލިއެވެ. އަދި އެ ބައިމީހުންނާ ގާތްގުޅުން ބާއްވަމުން ގެންދިޔަ، އަފްޣާނިސްތާނުން ޙިމާޔަތް ހޯދައިގެން ތިބި އަލްޤައިދާ ނައްތާލުމަށް މަސައްކަތް ފެށި ދުވަސްވަރު ވެސްމެއެވެ.

އެމެރިކާ އިން ބޭނުންވި ގޮތަށް ޑރ. ޢާފިޔާ ޞިއްދީޤީ ނު ހެދުމުން، އެމެރިކާއިން އޭނާ ވަގަށް ނެގި ކަމުގައި ޕާކިސްތާނުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައި ވެއެވެ. އަދި ޢާފިޔާ އާއި އަލްޤަޢިދާ އާ ގުޅުވިއެވެ. ބަޔަލޮޖިކަލް ހަތިޔާރު ތައްޔާރުކުރުމުގައި އަލްޤަޢިދާ އަށް އެހީތެރިވެދޭ ކަމުގެ އިލްޒާމު އޭނާގެ ބޮލުގައި އެޅުވިއެވެ. އެއީ އަލްޤަޢިދާގެ އިސްމީހެއް ކަމުގައި ވާ ޚާލިދު ޝައިޚް މުޙައްމަދު ކިޔާ މީހެއްގެ ފަރާތުން ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް އެމެރިކާ އިން ހާމަކުރިއެވެ. ޢާފިޔާ ޞިއްދީޤީ އަލްޤަޢިދާ އަށް ފައިސާ ޚަރަދުކުރާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައި އެފްބީއައި އިން ހާމަކުރިއެވެ. ޚާލިދު ޝައިޚް އަކީ އަލްޤަޢިދާގެ ޕްރޮޕެގެންޑާ ފެތުރުމާއި، ފައިސާ ހޯދުމުގައި އިސްދައުރެއް އަދާކުރި މީހެއް ކަމުގައި އެމެރިކާ އިން ހާމަކޮށްފައިވާ މީހެކެވެ. އަދި އޭނާ ވަނީ އެމެރިކާ އިން ހިންގާ ގޮންތަނާމޯ ބޭ ޖަލުގައި ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ޖަސޫސީ އިދާރާ 'އެފްބީއައި' އިން ޢާފިޔާ ވަގަށް ނެގިއެވެ. އެއީ އޭނާ އާއި ދަރިން ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓަށް ދިޔަ މަގުމަތީގައި ކަމަށް ދަ ގާރޑިއަންގައި މީގެ 14 އަހަރު ކުރިން 2010 ގައި ލިޔެފައި ވާ ލިޔުމެއްގައި ވެއެވެ. އެކަމުގައި ޕާކިސްތާނުގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައި ވެއެވެ. އަދި ސުވާލުތައް ކުރެވުނެވެ. މި ތަޙުޤީޤަށް ފަހު ދޫކޮށްލެވުނުކަމަށް ބުނެވެއެވެ. އޭގެ ފަސް އަހަރު ފަހުން އަފްޣާނިސްތާނުގެ ޣަޒްނީ އޭ ކިޔާ އަވަށަކުން ޢާފިޔާ އާއި، އޭނާގެ ތިން ދަރިން ފެނުނުކަމަށް ވެއެވެ. އަދި އެ މީހުން ހައްޔަރުކޮށް އަފްޣާނިސްތާމުގައި އެމެރިކާ އިން ހަދައިގެން އުޅުނު އެއާފޯސް ބޭސް ކަމުގައިވާ ބަގްރާމްގައި ހުންނަ ޖަލަށް 2008 ވަނަ އަހަރު ލެވުނެވެ. އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް ތަޙުޤީޤު ހިންގިއެވެ. އަނިޔާ ކޮށް ރޭޕް ކުރިކަމަށް ވެއެވެ.

މި އީ އަފްޣާނިސްތާނުގައި ހިންގި އަނިޔާވެރި ޖަލެއް ކަމުގައި މަޝްހޫރުވި ބަގްރާމު ޖަލެވެ. އެޖަލަށް ލައި ކުރި ތަހްޤީޤު ތަކުގައި އޭނާ އެތަކެއް ފަހަރެއްގެ މަތިން ރޭޕްކުރިކަމަށް ވެއެވެ. އަދި ބަލިވެ އިނުމުން ދަރި ވައްޓާފައި ވާކަމުގައި ވެއެވެ. އަދި އެތަޙްޤީޤު ތަކުގައި އޭނާގެ ހަށިގަނޑަށް ތަފާތު އެތަކެއް އަނިޔާކޮށްފައި ވެއެވެ. އަދި އޭނާގެ ޚާއިނު ފިރިމީހާގެ އެހީތެރިކަމާ އެކު ޢާފިޔާ ހެދި އައު އީޖާދުތަކާ ގުޅޭ މުހިންމު ލިޔުންތައް އަތުލާފައެވެ. އޭގެ ފަހުން އެތަކެއް ދޮގު ތުހުމަތުތަކެއް އޭނާގެ ބޮލުގައި އަޅެވިކަމަށް އޭނާއަށް ތާއީދުކުރާ މީހުން ބުނަމުން ގެންދިޔައެވެ. އެތަކެއް ދޮގު ތުހްމަތަކަށް ފަހު އެމެރިކާގެ ނިއުޔޯކުގެ ކޯޓަކަށް ގެންދެވުނެވެ. އަދި 84 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ފަހުން އޭނާ މަރުވެއްޖެ ކަމަށް އިޢުލާން ވެސް ކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ ޢާއިލާއިންނާއި، ތާއީދުކުރާ ފަރާތްތަކުން އެކަން ޤަބޫލު ނުކުރެއެވެ.

މި ކަމުގައި އިތުރަށް ފާހަގަ ކުރެވޭ ކަމަކީ، ޑރ. ޢާފިޔާ ޞިއްދީޤީ، އެމެރިކާގެ ޖަލުން ދޫކޮށްލުމަށް އަފްޣާނިސްތާނުގައި މިހާރު ވެރިކަންކުރާ ޠާލިބާނުން އެމެރިކާ އަށް އެދި ހުށަހަޅާ ކަމުގައި ޚަބަރު ފެތުރެމެވެ. މިގޮތުން 2007 ން 2015 އަށް އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތް ކުރި "ޖެނެރަލް ލިންޑާ" އޭނާގެ މީސްމީޑިއާ އެކައުންޓުތަކުގައި ލިޔެ ހަދައެވެ. އޭނާ ލިޔެފައިވާ ގޮތުން އޭނާ އަކީ މިހާރު އިންސާނީ ޙާއްޤުތަކަށް މަސައްކަތްކުރާ މީހެކެވެ.