އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޮނަރަބަލް އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ސަރުކާރުން އިސްކަން ދެއްވާކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ހަމަ އެއާއެކު އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ލިބުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޮނަރަބަލް އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ. ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމު ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އަދި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ސާފު ހަކަތަ ހޯދުމުގައިހުރި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ގޮތެއްގައި ފިޔަވަޅުއެޅުމަށް ބައިނަލްއަޤްވާމީ ސިޔާސަތުތައް ކަނޑައެޅުން ފަދަ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއަރަމުންދާކަންފާހަގަކުރައްވައި އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ކުރިއަށްއޮތް ދުވަސްތަކުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ނާއިބުރައީސްއާއި އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުންދެއްވުމަށްވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.