ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 15 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން މެއި 9 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި 21 އަހަރާއި 37 އަހަރާ ދެމެދުގެ ހަ މީހުން ހައްޔަރުކޮށްފައިވާކަމަށާއި އަދި މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.
މި އޮޕަރޭޝަނުގައި، އެ މީހުން ތިބި އެޕާޓްމަންޓު، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓު އަދި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ހަތްދުވަހަށް، ތިންމީހުން 10 ދުވަހަށް އަދި އެކަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިމަހު ނުވަވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި 19 އަހަރާއި 28 އަހަރާ ދެމެދުގެ 9 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި މި އެންމެންނަކީ ވެސް ދިވެހިން ކަމަށެވެ. އަދި އޭގެތެރޭގައި ހިމެނެނީ އަންހެނަކާއި 8 ފިރިހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި އެ މީހުން ހައްޔަރުކޮށް، އެ މީހުންތިބި އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަކު ތިންދުވަހަށް އަދި ހަތް މީހުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި އަނެއް މީހާ ފުލުހުންވަނީ ދޫކޮށްލާފައެވެ.
މި މައްސަލަތައް ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.