އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު އަތުން 1-0 އިން މޮޅުވެ އާސެނަލް ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޔުނައިޓެޑުގެ އަތުން މޮޅުވުމާއެކު އާސެނަލްއަށް ވަނީ ކުޅުނު 37 މެޗުން 86 ޕޮއިންޓު ހޯދާ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ޓައިޓަލް ރޭސްގައި ވާދަކުރަމުންއާ ދެވަނަ ޓީމު ކަމުގައިވާ މެންޗެސްޓާ ސިޓީ އޮތީ ތާވަލުގެ ދެވަނައިގައެވެ. ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 85 ޕޮއިންޓާއެކުގައެވެ. ސިޓީއަށް މި ސީޒަނުގައި އަދި ދެ މެޗު ކުޅެން އޮތް ކަމަށް ވާތީ ލީގުގެ ތަށި ހިއްލާލުމުގެ އަމިއްލަ ބާރު އަދި ވެސް އެ ޓީމުގެ އަތުގަ އެބައޮތެވެ.

ރޭގައި ޔުނައިޓެޑުގެ ދަނޑު ކަމުގައިވާ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލްއިން ކާމިޔާބު ކުރީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ކައި ހަވާޓްޒް ނަގައިދިން ހުރަހަކުން ލިއަންޑްރޯ ޓްރޮސާޑް ކާމިޔާބު ކުރި ލަނޑެކެވެ.

މި މެޗުން ޔުނައިޓެޑު ބަލިވުމާއެކު މިއީ 2007 ވަނަ އަހަރަށްފަހު ލީގް ޑަބަލްއެއް ޔުނައިޓެޑުގެ މައްޗަށް އާސެނަލް ފުރިހަމަކުރި ފުރަތަމަ ފަހަރަށް ވަނީ ވެފައެވެ. އޭގެ އިތުރުން ރޭގެ މެޗަކީ ޔުނައިޓެޑު މި ސީޒަނުގައި ލީގުގައި ބަލިވި 14 ވަނަ މެޗެވެ. އެއާއެކު މިއީ ޔުނައިޓެޑުގެ ދިގު ތާރީހުގައި އެ ޓީމު ލީގުގައި އެންމެ ގިނަ މެޗުން ބަލިވި ސީޒަނަށް ވެފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.