މާދަމާރޭ 8:00 އިން ފަތިހު 4:00 އާ ދެމެދު އައްޑޫ ސިޓީގެ މަގުތަކުގައި އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެއީ އައްޑޫ ސިޓީގައި ކޮވިޑް ފެތުރެމުންދާތީ އަޅުއްވަން ނިންމައިފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށެވެ. އެޗުޕީއޭއިން އަޅުއްވަން ނިންމަވާފައިވާ ގިނަ ފިޔަވަޅުތަކަކީ މިހާރު ވެސް އައްޑޫ ސިޓީގައި ތަންފީޒު ކުރެވެމުންދާ ފިޔަވަޅުތަކެކެވެ.

އެޗުޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވަނީ މާދަމާ ރެއިން ފެށިގެން މަގުމައްޗަށާއި އާންމު ތަންތަނަށް މީހުން ނިކުތުން ވެސް މަނާވާނެ ކަމަށެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އައްޑޫސިޓީގެ އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން ހުއްޓައިލުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ވެސް ހުއްޓައިލުމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށާއި ސިއްޙީ ބޭނުންތަކަށް ދާދިއުމެއް ނުހިމެނޭނެ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހުރިހާ ކުޅިވަރުތަކާއި ކަސްރަތުގެ ހަރަކާތްތައް ވެސް ހުއްޓައިލުމަށް ވަނީ އަންގައިފައެވެ. އަދި ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ވެސް ބަންދު ކުރުމަށް ވަނީ އަންގައިފައެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ ޕަބްލިކް ޓްރާންސްޕޯޓު ޚިދުމަތްދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން އެޗުޕީއޭގެ ގައިޑުލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށެވެ. ފިހާރަތަކާއި ބޭންކު ފަދަ އާންމު ޚިދުމަތްދޭ ތަންތަނުން ޚިދުމަތްދޭއިރު ވެސް އެޗުޕީއޭގެ ގައިޑުލައިނާ އެއްގޮތަށް ގައިދުރުކަން ބަހައްޓައި އެފަދަ ތަންތަނަށް ވަދެވޭ އަދަދު ކަނޑައަޅައި ރައްކާތެރި ކަމުގެ އެހެނިހެން ޚިދުމަތްތަކާއެކު ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގައިފައެވެ. މީގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހައްޓައިލުމާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓުތަކުން ދެމުން ގެންދަމުންދަ ޚިދުމަތްތައް ހުއްޓައިލުމަށް ވަނީ އަންގައިފައެވެ. އެހެން ނަމަވެސް ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

މި ފިޔަވަޅުތައް އަޅައިފައިވަނީ މާދަމާއިން ފެށިގެން 7 ދުވަހަށެވެ.