މިޔަންމާއާއެކު އޮންނަ މަތީ ފެންވަރުގެ ހުރިހާ ގުޅުންތަކެއް ކަނޑާލަން ނިއުޒީލެންޑުން ނިންމައިފިއެވެ.

ގުޅުންތައް ކަނޑާލުމުގެ އިތުރުން، މިޔަންމާގެ ވެރިކަމަށް އަތްގަދަކުރި އަސްކަރީ އޮފިސަރުންނާ ދެކޮޅަށް ދަތުރުފަތުރު ކުރުމުގައި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމަވާފައިވާ ކަމަށްވެސް ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދަ އަރްދެއިން ވިދާޅުވިއެވެ.

މީގެއިތުރުން، މިޔަންމާގެ އަސްކަރީ ސަރުކާރާ ގުޅުންހުރި ނުވަތަ އަސްކަރީންނަށް އެއްވެސް މަންފާއެއް ލިބޭގޮތަށް، ނިއުޒީލެންޑްގެ އެހީގެ ޕްރޮގްރާމްގެ ތެރެއިން މިޔަންމާގެ އެއްވެސް ޕްރޮޖެކްޓަކަށް އެހީ ނުދިނުމަށްވެސް ނިއުޒީލެންޑް ސަރުކާރުންވަނީ ނިންމާފައެވެ.

ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ނިއުޒީލެންޑްގެ ބޮޑުވަޒީރު ވިދާޅުވީ، މިޔަންމާގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ނިއުޒީލެންޑަށް އެޅެންއޮތް ހުރިހާ ފިޔަވަޅެއް އަޅާނޭ ކަމަށެވެ.

އަސްކަރީ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އިތުރުން، ނިއުޒީލެންޑްގެ އެއްވެސް އެހީތެރިކަމެއް އަސްކަރީ ސަރުކާރަށް ލިބުނަ ނުދިނުމަށް ކަންކަން ކަށަވަރު ކުރައްވާނޭ ކަމަށްވެސް ޔަސިންދަ އަރްދެއިން ވިދާޅުވިއެވެ.

2018 ވަނަ އަހަރާއި، 2021 ވަނަ އަހަރާ ދެމެދު އެކަނިވެސް ނިއުޒީލެންޑުން މިޔަންމާއަށް 30 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެހީ ވެދީފައި ވެއެވެ.

މިޔަންމާގެ މަދަނީ ސަރުކާރު ވައްޓާލައި، އެ ސަރުކާރުގެ ވެރިޔާ އަންގް ސަން ސޫކީ ހައްޔަރުކޮށް، މި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަސްކަރީން ވެރިކަމަށް އަތްގަދަ ކޮށްފައި ވާއިރު، ނިއުޒީލެންޑުންވަނީ އަސްކަރީ ސަރުކާރު ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.

ނިއުޒީލެންޑްގެ ފޮރިން މިނިސްޓަރ ނަނައިއާ މަހޫޓާ ނެރުއްވި ބަޔާނެއްގައި، އަންގް ސަން ސޫކީގެ އިތުރުން، އޭނާގެ ސަރުކާރުގެ ހުރިހާ އެންމެންނާއި، ސިޔާސީ ލީޑަރުން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައި ވެއެވެ. އަދި މަދަނީ ސަރުކާރު އަލުން ރުޖޫއަ ކުރުމަށްވެސް ގޮވާލައްވާފައި ވެއެވެ.