އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަތުން 2-0 އިން މޮޅުވެ, ލީގުގެ ތަށި ޖެހިޖެހިގެން ހަތަރުވަނަ ފަހަަރަށް ހޯދުމުގެ އަމިއްލަ ބާރު މެންޗެސްޓާ ސިޓީއިން ރޭ ދަމަހައްޓައިފިއެވެ.
ޓޮޓެންހަމްގެ ދަނޑު ކަމުގައިވާ ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ދެ ޓީމުން ނިކުތްއިރު ސިޓީ ވަނީ ޓޮޓެންހަމާ ދެކޮޅަށް ރަށުން ބޭރުގައި އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެވެ. އޭގެ އިތުރުން ޓޮޓެންހަމްއިން 2019 ވަނަ އަހަރު ބިނާކުރި އާ ދަނޑުގައި ސިޓީއަށް އަދި މިހާތަނަށް ލަނޑެއް ޖެހިފައިނުވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެެ.
މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 51 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ކެވިން ޑިބްރުއިނާ ދިން ޕާހަކުން އާލިންގެ ހާލަންޑް ކާމިޔާބު ކުރި ލަނޑެކެވެ. ޑިބްރުއިނާ, ހާލަންޑަށް ކުރި އެސިސްޓަކީ މި ދިޔަ ދެ ސީޒަނުގައި އޭނާ ހާލަންޑަށް އެސިސްޓުކޮށްދިން 12 ވަނަ ފަހަރެވެ.
މެޗުގެ 86 ވަނަ މިނެޓުގައި ޓޮޓެންހަމަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ސިޓީގެ ޑިފެންޑަރު މެނުއަލް އަކަންޖީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓޮޓެންހަމުން ފެށި ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ކެޕްޓަން ހިއުންގް މިން ސޮން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ވަނީ ސިޓީގެ ގޯލްކީޕަރު އޯޓޭގާ މަތަކޮށްފައެވެ.
ސިޓީގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ހާލަންޑް ކާމިޔާބު ކުރި ލަނޑެކެވެ. ހާލަންޑްގެ ދެ ލަނޑުން މެޗު ކާމިޔާބުކޮށް ސިޓީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.
ސިޓީ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 88 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 86 ޕޮއިންޓެވެ. ލީގު ކާމިޔާބު ކުރާނީ ކޮން ޓީމެއްކަން އެނގޭނީ ސީޒަނުގައި ކުޅޭ އެންމެ ފަހު މެޗުގައެވެ. އާސެނަލްއަށް ދެން ތަށި ކާމިޔާބު ކުރެވޭނީ އާސެނަލް މޮޅުވެފަ, ސިޓީ އެއްވަރުވެއްޖެނަމަ ނުވަތަ ބަލިވެއްޖެނަމައެވެ. އަނެއްކޮޅުން ސިޓީ ފަހު މެޗު ކާމިޔާބު ކޮށްފިނަމަ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.