އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމްގެ ސަޕޯޓަރުން ސިޓީއަށް ތާއީދު ކުރުމުން އެ ކްލަބުގެ ކޯޗު އޭންޖް ޕޮސްޓެކޯގްލޫގެ ނުރުހުން ޓޮޓެންހަމްގެ ސަޕޯޓަރުންނަށް ރައްދު ވެއްޖެއެވެ.
ރޭގައި ދެ ޓީމުން ބައްދަލު ކުރި މެޗަކީ ލީގުގެ ތަށި ހިއްލާލުމަށް ސިޓީއަށް ވަރަށް މުހިއްމު މެޗެކެވެ. ރޭގެ މެޗުގައި ސިޓީއަށް މޮޅު ނުވެވިއްޖެނަމަ ލީގުގެ ތަށްޓައް ވާދަކުރަމުންދާ ދެވަނަ ޓީމު ކަމުގައިވާ އާސެނަލްއަށް ލީގުގެ ތަށި ހިއްލާލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އާސެނަލްއަކީ ޓޮޓެންހަމްގެ ޒަމާންވީ ވާދަވެރިން ކަމުގައިވާތީ ޓޮޓެންހަމްގެ ސަޕޯޓަރުން ތިބީ ސިޓީ މޮޅު ވާނެ ކަމަށް އުއްމީދުކޮށްގެންނެވެ.
ރޭގެ މެޗު 2-0 އިން ސިޓީ ކާމިޔާބު ކުރުމާއެކު ދަނޑުގައި ތިބި ޓޮޓެންހަމްގެ ސަޕޯޓަރުން ވަނީ އެކަމާ އުފާ ފާޅުކޮށްފައެވެ. ރޭގެ މެޗުން ބަލިވުމުގެ ސަބަބުން ޓޮޓެންހަމަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުނު ކަމުގައިވިއަސް އާސެނަލްއަށް ތަށި ނުލިބުމުން އުފާފާޅު ކުރުމުން ޓޮޓެންހަމުގެ ކޯޗުގެ ހަރުކަށި ބަސްތަކެއް އެ ކްލަބުގެ ސަޕޯޓަރުންނަށް ވަނީ ރައްދުކޮށްފައެވެ.
"މި ދިޔަ ދެ ދުވަހު ފެނިގެންދިޔަ ކަންތައްތަކުން އަހަންނަށް ހާމަވެއްޖެ މި ކްލަބު މި އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަން. އަހަންނަށް ކުރަން ޖެހިފަ މި އޮތީ ހީކުރި ވަރަށް ވުރެ ބުރަ މަސައްކަތެއް. އަހަންނަށް އޮޅުނީ ކަމަށް ވާނީ މި ކްލަބުން މޮޅުވުން މާނަ ކުރަނީ ކިހިނެއްކަން" އަމިއްލަ ކްލަބު ބަލިވުމަށް ސަޕޯޓަރުން އެދުމުން އެކަމާ ނުރުހުން ފާޅު ކުރަމުން ޕޮސްޓެކޯގްލޫ ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި މެޗުގެ މެދުތެރޭގައި ވެސް ޕޮސްޓެކޯގްލޫ ވަނީ ޓޮޓެންހަމްގެ ސަޕޯޓަރުންތަކަކާ އަރާރުންވެފައެވެ. ޓޮޓެންހަމްގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކުން ސޯޝަލް މީޑިއާގައި ވެސް އެ ކްލަބަށް ވަނީ އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައެވެ.