ސްޕެނިޝް ލަލީގާގައި ގެޓާފޭ އަތުން 3-0 އިން މޮޅުވެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރުސަތު އެޓްލެޓިކޯ މެޑްރިޑު ކަށަވަރުކޮށްފިއެވެ.

ގެޓާފޭގެ ކޮލިސިއަމް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެޓްލެޓިކޯ މެޑްރިޑުގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެންޓުއާން ގްރީޒްމަންއެވެ.

މެޗުގެ 42 ވަނަ މިނެޓުގައި ގްރީޒްމަން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ އެޓްލެޓިކޯގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. ގްރީޒްމަންގެ ދެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 އިން އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ގްރީޒްމަން ވަނީ ލަނޑު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ގްރީޒްމަންގެ ހުނަރުވެރި ކަމާއެކު އެޓްލެޓިކޯ ވަނީ މެޗު ކާމިޔާބު ކޮށް, ދެން އަންނަ ސީޒަނުގައި އޮންނަ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓްލެޓިކޯ ވަނީ ތާވަލުގެ ހަތަރު ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެޓްލެޓިކޯ ތާވަލުގެ ހަތަރު ވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 73 ޕޮއިންޓާއެކުގައެވެ. ފަސް ވަނައިގައި އޮތް އެތުލެޓިކް ކްލަބަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. އެޓްލެޓިކޯ މެޑްރިޑްގެ އިތުރުން ދެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅޭނެ ސްޕެނިޝް ޓީމު ތަކަކީ ޖިރޯނާ, ބާސެލޯނާ އަދި ލީގުގެ ޗެމްޕިއަނުން ކަމުގައިވާ ރެއާލް މެޑްރިޑެވެ.