ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ހަށިކޮޅަށް ބަޑިޖަހައި، ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.
ބުދަ ދުވަހުގެ މެންދުރު ފަހު ސިޔާސީ ހަރަކާތެއްގައި ސްލޮވާކިއާގެ ވެރިރަށް ބްރެޓިސްލާވާގެ އިރު އުތުރުން 150 ކިލޯމީޓަރު ދުރުގައި އޮންނަ ސްލޮވާކިއާގެ ރަށެއް ކަމަށްވާ ހޭންޑްލޯވާގެ ހައުސް އޮފް ކަލްޗާގެ ބޭރުގައި ބަޑީގެ ހަމަލާއެއް ދިނުމުން ރަޝިއާއަށް ތާއީދުކުރާ މަޝްހޫރު ޕޮޕިއުލިސްޓް ލީޑަރުގެ ބަނޑަށް ވަނީ އަނިޔާވެފައެވެ.
ސްލޮވާކިއާގެ ރައީސް ވިދާޅުވި ގޮތުގައި މި މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ވަނީ ހިފަހައްޓާފައެވެ. ފިކޯގެ ފޭސްބުކް ޕޭޖުން ވަނީ އޭނާ އޮތީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައި ކަމަށާއި އަވަސް ބޭސްފަރުވާއަށް ބަންސްކާ ބައިސްޓިކާ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ކަށަވަރުކޮށްދީފައެވެ. އަދި ކުރިއަށް އޮތް ވަގުތުކޮޅުގައި ވާގޮތެއް އެނގޭނެކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.
ރައީސް ޒުޒާނާ ކަޕުޓޯވާ ވަނީ މި ހަމަލާ އަކީ ޑިމޮކްރަސީއާ ދެކޮޅަށް ދިން ހަމަލާއެއްގެ ގޮތުގައި ކުށްވެރިކުރައްވައި، މުޖުތަމައުގައި އުފެދިފައިވާ ނަފްރަތު ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އިންތިޚާބީ ރައީސް ޕީޓާ ޕެލެގްރިނީ ވަނީ މި ހަމަލާއަކީ ސްލޮވާކިއާގެ ޑިމޮކްރަސީއަށް ދުވަހަކުވެސް ނުފެންނަ ފަދަ ނުރައްކަލެއް ކަމަށް ސިފަކުރައްވާފައެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ މުހިންމު އިންތިހާބަށް ތިން ހަފުތާއަށް ވެފަ އޮއްވަ ހިނގި މި ހާދިސާއާ ގުޅިގެން މުޅި ޔޫރަޕަށް ވަނީ ޝޮކެއް ލިބިފައެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާގް ސޯޝަލް މީޑިއާގައި ބިރުވެރިކަން ފާޅުކުރައްވާފައިވާއިރު، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަ ލެޔެން އާއި ޔޫރަޕްގެ އެހެން ލީޑަރުން ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ.
އޭގެ ރައްދުގައި ސްލޮވާކިއާގެ އިދިކޮޅު ބޮޑެތި ޕާޓީތަކުން ވަނީ މުޒާހަރާތައް ކެންސަލްކޮށް ސިޔާސީ ފަރާތްތަކުން ނުތަނަވަސްކަން އިތުރުވެދާނެ ފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލާފައެވެ. ފިކޯއަށް ދާދި ފަހުން ބޭއްވި އިންތިޚާބީ ކާމިޔާބީއާ ގުޅިގެން ބޮޑެތި ހިޔާލު ތަފާތުވުންތަކާއި މުޒާހަރާތައް ވެސް އުފެދިފައިވާތީ، މި ބަޑީގެ ހަމަލާގެ ސަބަބުން އެ ގައުމުގެ ސިޔާސީ ބައިބައިވުންތައް ވަނީ ވަރަށް ބޮޑަށް ދައްކުވައިދީފައެވެ.