އިހު ދިވެހިންގެ ދިރިއުޅުމުގައި ރިތި އާދަތަކެއް ހުއްޓެވެ. އެހެނަސް މަދުން ނަމަވެސް ހުތުރު އާދަތަކެއްވެސް ގެންގުޅުނު ބަޔަކު އުޅުނެވެ. މި ގޮތުން ދަންވަރު ގޭގެއަށް ވަނުން މިއީ ވަރަށް ގިނަ ރަށް ރަށުގައި ކުރަމުން އައި ކަމެކެވެ. ފައިދާއެއްނެތް ބޭކާރު ކަމެއްކަން އެނގޭ އިރުވެސް މިލަދުވެތި ކަންތައް ކުރަމުން އައި ބަޔަކު އުޅުނެވެ. ފައިދާއެއް ނެތޭ މި ބުނެވުނީ އެ ގެއަކަށް ވަންނަ އިރަށް ގިނަ ފަހަރަށް ގޭގައި ދިރި އުޅޭ މީހުނަށް ހޭލެވި އެ މީހަކު ބޭޒާރުވެ ރަށުތެރަށް ފަޟީހަތް ވާތީއެވެ.

މި ގޮތަށް ދަންވަރު ގޭގެއަށް ވަންނަ މީހުން ގިނައިން ކުރާކަމަކީ ގެއަށް ވަނުމާއެކު ގޭގައި ދިއްލާފައި ހުރި ފުޅިބައްތިތައް ނިވާލުމެވެ. ގިނަފަހަރަށް މި ގޮތަށް ވަންނާނީވެސް ގޭގައި ބޮޑެތި ފިރިހެނުން ނެއްކަން ޔަޤީން ކޮށްފައެވެ.

1970 ގެ އަހަރުތަކުގައި ރާއިޖޭގެ އާބާދީ މަދު ކުޑަ ރަށެއްގެ މުދިމަކު ވަންނަން ނުވާ ގަޑިއެއްގައި ވަންނަން ނުޖެހޭ ގެއަކަށް ވަދެއްޖެއެވެ. މިކަން ރަށުގެ ރައްޔިތުންނަށް ބޭޒާރުވީ އަނެއް ދުވަހު ހެނދުނު އެވެ. މިކަން ރަށުގެ ރައްޔިތުންނަށް އެނގުމާއެކު ރަށުން ޒުވާނުންތަކެއް މުދިންބެ ނަގާ ދޯންޏަކަށް އަރުވައިފިއެވެ. ފަރާތެއްގައި ހަ ޒުވާނުން ތިބެގެން ދެފަރާތުން ހަ ފަލި ޖަހަމުން މުދިންބެ ގޮވައިގެން އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށަށް ހިނގައްޖެއެވެ. މުދިންބެވެސް ގަދަ ހެދުމެއްނެތި މި ބައިމީހުން ގެންދާ ތާކަށް ގެންދަންދެން ކިޔަމަންތެރިކަމާއެކު އިނެވެ. ގަދަ ހެދޭކަށް ނެތެވެ. މުޅި ރަށަށް މި އޮތީ މުދިންބެ ގަތްގަނޑު ބޭޒާރުވެފައެވެ. މިހާރުހެން މަށެއް ނުކުރަން ކިޔާ އަޑުގަދަކުރާކަށް މުދިންބެ ނޫޅުނެވެ.

އަތޮޅުވެރިކަން ކުރާ ރަށަށް ގެންގޮސް އަތޮޅުގެއަށް ދިޔައީވެސް ގަދަ ހެދުމެއްނެތި އެމީހުނާ އެކު ހިނގާފައެވެ. މުދިންބެ ގެންގޮސް އަތޮޅުވެރިޔާ އާއި ހަވާލު ކޮށްފައި މި ބައިމީހުން އަތޮޅުވެރިޔާއަށް ދެންނެވިއެވެ. މި މުދިންބެ ރޭދަންވަރު މިވެނި ގެއަކަށް ވަދެއްޖެއެވެ. އަތޮޅުވެރިޔާ އެމީހުނަށް ބުންޏެވެ. އެންމެ ރަނގަޅެވެ. ދެން ކަލޭމެން މުދިންބެ ބައިންދާފައި ރަށަށް ދާށެވެ. ނަމަވެސް މިމީހުން އަތޮޅުވެރިޔާ އަޅާ ފިޔަވަޅަކަށް ފިޔަވަޅެއް އަޅަމުން ފަހަތުން އެބަ ހިނގައެވެ. ކާކޮޓަރި އަށް ދާއިރަށް ފަހަތުން ކާ ކޮޓަރިއަށެވެ. ސިޓިންގް ރޫމުގައި އިށީނދެލި އިރަށް ފަހަތުން ގޮސް އެތާ ކޮޅަށް އެބަ ތިބެއެވެ. އަތޮޅުވެރިޔައަށް މި ވާގޮތް އެނގިއްޖެއެވެ. އެހެންކަމުން ނުކުމެ މުދިންބެ އާއި ދިމާއަށް ބުނެފިއެވެ. މުދިންބެ ތިޔަކުރީ ހާދަހާ ވިޔާނުދާ ކަމެކެވެ. ތިޔަފަދަ މަޤާމެއްގައި ހުރެ ކުރުން ކިހާ ހުތުރު ކަމެއްހެއްޔެވެ؟ މުދިންބެ އަކީ ތިހާ ހުތުރުކަންތައް ކޮށްފާނެ މީހެއްކަމަށް ހީވެސް ނުކުރަމެވެ. ތިޔަ ކުރިކަމުގެ އަދަބު ލިބޭނެއެވެ. އަދަބުދޭނީ މާލެ ފޮނުވައިގެނެވެ. ވީ އެންމެ އަވަހަކަށް މުދިންބެ މާލެ ފޮނުވައި ތިޔަ ކަންތައް ތަހުޤީގުކޮށް ފިޔަވަޅު އަޅާނަމެވެ.

މިހާ ހިސާބަށް ބުނި އިރަށް މުދިންބެ ގޮވައިގެން އައިމީހުންގެ މޫނުމަތިން ހިތްހަމަޖެހުން ފާޅު ވެއްޖެއެވެ. އަދި އަތޮޅުވެރިންނަށް ދެންނެވިއެވެ. ދެން އަޅުގަނޑުމެން ދަނީ އެވެ. އެހިސާބުން މުދިންބެ ބައިންދާފައި މި ބައިމީހުން ރަށަށް ހިނގައްޖެއެވެ.