މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ވެސްޓްޕާކް ސަރަހައްދުގައި ކުރަމުން އަންނަ ކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.
އާރްޑީސީން ބުނީ މަސައްކަތް އަވަސް ކުރުމުގެ ގޮތުން 24 ގަޑިއިރު އެ ސަރަހައްދުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށާއި މަޝްރޫގައި ގާއިމު ކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުންވެސް ބުންޏެވެ.
އާރްޑީސީން ބުނީ މި މަސައްކަތް ކުރިއަށްދާއިރު ވެސްޓްޕާކް ސަރަހައްދުގެ ޓްރެފިކް ފްލޯ ކަންކަމާއި އާންމު ދިރުއުޅުމުގައި ރައްޔިތުންނަށް ގުޅުންހުރި ކަންކަމުގައި އަމަލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކުގައި މަޝްވަރާތައް ކުރެވި ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.
މީގެއިތުރުން މި މަޝްރޫއަކީ ދިފާއީ ވުޒާރާއިން އެ ކުންފުންޏާ ހަވާލުކޮށްގެން އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އަދި މި މަޝްރޫއުގެ ދަށުން ވެސްޓްޕާކް ސަރަހައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަސީލަތްތައް ހަރުކުރުމަށްފަހު އިތުރު ސަރަހައްދުތަކުގައިވެސް އެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އާރްޑީސީން ބުނެފައިވެއެވެ.