ހުއްދައާއި ނުލައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޑްރޯން އުދުއްސާނަމަ ފިޔަވަޅު އެޅާނެ ކަމަށް ޑިފެންސް މިނިސްޓްރީއިން މިއަދު ބުނެފިއެވެ.

މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއަރޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ނުވަތަ ޑްރޯން އުދުއްސާކަން ފާހަގަ ކުރެވިފައިވާތީވެ މިކަމާއި މެދު ފިޔަވަޅު އަޅަން ފަށަން ޑިފެންސް މިނިސްޓްރީއިން ނިންމަވައިފިއެވެ. މިކަމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމަކަށްވާތީ، ޑްރޯން އުދުއްސުމުގެކުރިން ޑިފެންސް މިނިސްޓްރީއިން ހުއްދަ ހޯދުމަށް މީގެކުރިންވެސް ވާނީ އާންމުކޮށް އެންގިފައެވެ.

މިގޮތުން މީގެފަހުން ރާއްޖޭގެ ކޮންމެ ދިމާއެއްގައި ހުއްދައާއި ނުލައި ޑްރޯން އުދުއްސާކަމުގައި ވަނީނަމަ ޑިފެންސް މިނިސްޓްރީއިން އެކަމާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ހުއްދައާއި ނުލައި އުދުއްސާ އެއްވެސް ޑްރޯންއަކަށް ލިބޭ އެއްވެސް ގެއްލުމަކާއި މެދު މިނިސްޓްރީއިން ޒިންމާ ނުނަގާނެ ކަމަށް ވެސް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި އެމިނިސްޓްރީއިން ޝާއިރު ކޮށްފައިވާ އިއުލާނުގައި ވެއެވެ.