ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 15 ޖޫން 2024 ގެ ނިޔަލަށް ނަގަން އަންގައިފި ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

އަދި އެ ސަރަހައްދުގައި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ އަންނަނީ ލިބެމުން ކަމަށާއި އަދި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން އެ ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެހެން ނަމަވެސް އެ ކޯޕަރޭޝަނުން ބުނީ މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އަދި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށާއި އަދި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.