މި އަހަރު ކުރިއަށްދާ ކޮޕާ އެމެރިކާއަށް އާޖެންޓީނާ ނެރޭ ސްކޮޑު އިއުލާނުކޮށްފިއެވެ.

އާޖެންޓީނާއިން ނެރިފައިވަނީ 29 ކުޅުންތެރިންގެ ސްކޮޑެކެވެ. ކޮޕާ އެމެރިކާ ހިންގުމުގައި ހަރަކާތްތެރިވާ ކޮންމެބޮލްއިން ހުއްދަކުރަނީ މުބާރާތުގައި ކޮންމެ ޓީމަކަށް 26 ކުޅުންތެރިންގެ ސްކޮޑެއް ކަމަށް ވާތީ, އާޖެންޓީނާއިން މިހާރު ހުށައަޅާފައިވާ ސްކޮޑުން އަދި ތިން ކުޅުންތެރިން އުނިކުރެވިގެން ދާނެއެވެ.

އާޖެންޓީނާގެ ސްކޮޑުގައި ހިމެނެނީ 3 ގޯލްކީޕަރުން, 11 ޑިފެންޑަރުން, 7 މިޑްފީލްޑަރުން އަދި 8 ފޯވާޑުންނެވެ.

ލިއަނޮލް ސްކެލޯނީ ކޯޗުގެ ގޮތުގައި ހަމަޖައްސައިގެން ކޮޕާ އެމެރިކާއަށް ނިކުންނަ އާޖެންޓީނާ އޮތީ ގްރޫޕު "އޭ" ގައެވެ. އާޖެންޓީނާއާ އެއް ގްރޫޕެއްގައި ހިމެނެނީ ޕެރޫ, ޗިލީ އަދި ކެނެޑާއެވެ.

ކޮޕާ އެމެރިކާގައި އާޖެންޓީނާ އެންމެ ފުރަތަމަ ކުޅޭ މެޗު އޮންނަނީ 21 ޖޫން ވާ ދުވަހު ރާއްޖެ ގަޑިން ފަތިހު 5:00 ގައެވެ. މި މެޗުގައި އާޖެންޓީނާ ވާދަކުރާނީ ކެނެޑާއާ ދެކޮޅަށެވެ.