އިޓާލިއަން ސެރިއާގައި ބޮލޯނާ އަތުން 3-3 އިން އެއްވަރުވެ ތާވަލުގެ ތިންވަނައަށް ޖެހިލަން ލިބުނު ފުރުސަތު ޔުވެންޓަސްއަށް ގެއްލިއްޖެއެވެ.
ރެނާޓޯ ޑެލްއާރާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޮލޯނާއިން މެޗު ފެށީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން ދެވަނަ މިނެޓު ތެރޭގައި ބޮލޯނާގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ ވަނީ ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގާދީފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ސަންޓިއާގޯ ކަސްޓްރޯ ވަނީ ބޮލޯނާގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.
ބޮލޯނާގެ ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 53 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ފުރަތަމަ ލަނޑު ކާމިޔާބު ކުރި ކަލްފިއޯރީ ކާމިޔާބު ކުރި ލަނޑެކެވެ.
ތިން ގޯލުގެ ލީޑެއް ބޮލޯނާ ނެގުމާއެކު ޔުވެންޓަސް ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ 76 ވަނަ މިނެޓުގައި ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފެޑެރީކޯ ޗިއެސާއެވެ.
މެޗުގެ 83 ވަނަ މިނެޓުގައި އާކަޑިއުސް މިލިކް ވަނީ ހިލޭ ޖެހުމެއް ގޯލަށް ވައްދާލައި ބޮލޯނާގެ ލީޑު އެންމެ ގޯލަކަށް ކުޑަކޮށްފައެވެ. އޭގެ އެއް މިނެޓު ފަހުން ކެނަން ޔިލްޑިޒް ވަނީ ޔުވެންޓަސްގެ ތިން ވަނަ ލަނޑު ޖަހާދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފަހު ވަގުތު ޔުވެންޓަސްގެ ފަރާތުން ފެނުނު މޮޅު ކުޅުމުން އެ ޓީމަށް ވަނީ ބޮލޯނާ އަތުން އެއް ޕޮއިންޓު ހޯދިފައެވެ.
މެޗުން އެއްވަރުވުމާއެކު ޔުވެންޓަސްއަށް ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފައެވެ. ޔުވެންޓަސް ތާވަލުގެ ހަތަރުވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 68 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ބޮލޯނާއަށް ވެސް ލިބިފައިވަނީ 68 ޕޮއިންޓެވެ. ނަމަވެސް ގޯލް ޑިފެރެންސްއިން ކުރީގައި އޮތީ ބޮލޯނާއެވެ.