ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ލ. ގަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ލ. ގަމުގެ އޮޑިދޯނި ފަހަރުގައި މަސައްކަތްކުރާ ބޭފުޅުންނަށް އަމާޒުކޮށްގެން މި ހަރަކާތް ކުރިއަށް ގެންދިޔައީ ލ. ގަން ޕޮލިސް ސްޓޭޝަނުންނެވެ.
މިއަދު ކުރިއަށް ގެންދިޔަ އަހުލުވެރި ކުރުމުގެ ހަރަކާތުގައި ޕޮލިހުން ވަނީ އެ ރަށުގައި އޮޑިދޯނި ފަހަރުގައި މަސައްކަތް ކުރާ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ޕޮލިހުން ވަނީ ކަނޑު ދަތުރުތައް ކުރާއިރު ކަމާބެހޭ ފަރާތްތަކުން ނެރޭ އިއުލާނުތަކަށް އަމަލުކޮށް, ދަތުރު ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިރުޝާދު ދެއްވާފައެވެ.
އޭގެ އިތުރުން ދަތުރު ކުރާއިރު ހާދިސާއެއް ދިމާވެއްޖެ ނަމަ އަމަލުތައް ބަހައްޓަންވީ ގޮތާއި އެ ފަދަ ހާދިސާއަކަށް ތައްޔާރުވުމަށް ޓަކައި ދޯނީގައި ބަހައްޓަން ޖެހޭ ތަކެއްޗާ ބެހޭ ގޮތުން ވަނީ މައުލޫމާތު ދެއްވާފައެވެ. ކަނޑުމަތީގައި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ކަމާބެހޭ އިދާރާތަކަށް ގުޅޭނެ ނަންބަރުތައް ޕޮލިހުން ވަނީ އެ ބޭފުޅުންނާ ހިއްސާ ކުރައްވާފައެވެ.
މި ދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ މި ފަދަ ހަރަކާތްތަކަކީ ކަނޑު ދަތުރު ކުރުމުގައި ދިމާވާ ހާދިސާތައް މަދުކުރުމަށް ޓަކައި ޕޮލިހުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.