މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކޮށް ގުގުރާ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި، ރާއްޖޭގެ ބޮޑުބަޔަކަށް (މ އަތޮޅުން ބ އަތޮޅަށް) އޮރެންޖު ސަމާލު ނެރެފައިވާތީ، އަދި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރާ ކަމަށެވެ.

އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފްގެ އިތުރުން ފުލުހުންގެ ހިދުމަތުންވެސް ވަނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ބުރިޖުންނާއ ހައިވޭއިން ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސް ކޮށްފެއެވެ.

އެގޮތުން ފުލުހުންކުރި އެކްސް ޕޯސްޓެގައި ބުނެފައިވަނީ ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށްވެސް އިލްތިމާސްކުރާ ކަމުގައެވެ.

ހަމަ އެއާއެކު، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން އުޅަނދު ދުއްވުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.