އަންގާރަ ދުވަހު ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެ، 71 މީހަކު ޒަހަމްވެއްޖެއެވެ.
މި ހާދިސާގެ ސަބަބުން މިޔަންމާގެ އިރަވަޑީ ބޭސިން މަތިން ދަތުރުކުރަމުން ދިޔަ ބޮއިންގް 777-300އީއާރު ބޯޓު ބެންކޮކަށް އެމަޖެންސީގައި ޖައްސަން ޖެހުނެވެ.
ޖިއޮފް ކިޗަން ނަމަކަށް ކިޔާ އުމުރުން 73 އަހަރުގެ އިނގިރޭސި ފިރިހެނަކު މަރުވެފައިވަނީ ލިބުނު ޝޮކާ ގުޅިގެން ހާޓް އަޓޭކެއް ޖެހިގެން ކަމަށް ކަމާބެހޭފަރާތްތަކުން ޝައްކުކުރެއެވެ. ސީޕީއާރުން އޭނާ ފަރުވާދުނުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ފްލައިޓަށް 10 ގަޑިއިރު ވިތަނާ ކޮޅިގަނޑެއްގައި ޖެހި، މީލް ސާވިސްއަށް ބުރޫ އަރައި ކެބިންގައި ހަމަނުޖެހުން އުފެދުނެވެ. މަތިންދާބޯޓު ތެޅިގަތް ބިރުވެރި ވަގުތުތައް ފަސިންޖަރުން ސިފަކޮށް، ކެބިންގެ ތެރެއިން އުދުހެމުން ދިޔަ ބޫޓާއި ޑިވައިސްތަކާއި ކެއުމުގެ ސާމާނު ފޮނުވިގެންދިޔަ ވާހަކަ ކިޔައިދިނެވ
މަތިންދާބޯޓުގެ އެތެރޭން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ދައްކާގޮތުގައި އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އޯވަހެޑް ކޮމްޕާޓްމަންޓްތައް ތަޅައި، އިމަޖެންސީ އޮކްސިޖަން މާސްކުތައް ވަނީ ވެއްޓިފައެވެ. ފަސިންޖަރުންނަށް އެކިވަރުގެ އަނިޔާލިބިފައިވާއިރު، ބައެއް މީހުންނަށް ފްލައިޓް ޖެއްސުމާއެކު ވަގުތުން ފަރުވާ ދޭން ޖެހުނެވެ.
އެމަޖެންސީގައި ޖެއްސުމަށްފަހު ޒަހަމްވި މީހުން ބެންކޮކްގެ ސަމިޓިވޭޖް ސްރީނާކަރިން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހަ މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި އެކި ގައުމުތަކުގެ ރައްޔިތުން ހިމެނެއެވެ.
މި ފްލައިޓަކީ ލަންޑަންގެ ހީތްރޯ އެއާޕޯޓުން ފުރައިގެން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ. 200 އެއްހާ ފަސިންޖަރުން ބެންކޮކްގައި މަޑުކުރަން ޖެހުނުއިރު، ސިންގަޕޫރު އެއާލައިންސް އިން ވަނީ 131 ފަސިންޖަރުންނަށް ސިންގަޕޫރަށް ފްލައިޓެއް ހަމަޖައްސައިފައެވެ.
ސިންގަޕޫރު އެއާލައިންސްގެ ސީއީއޯ ގޯހް ޗޫން ފޮންގް ވަނީ މި ހިތާމަވެރި ތަޖުރިބާގައި ނިޔާވި މީހާއަށް ތައުޒިޔާ ވިދާޅުވެ މައާފަށް އެދިވަޑައިގެން، ހާލުގައި ޖެހުނު ފަސިންޖަރުންނާއި އެ މީހުންގެ އާއިލާތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ވެސް މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.