ގޭންގްތައް ރޫޅާލައި ބިރުވެރިކަމާއި ލޭ އޮހޮރުވުން ރާއްޖޭގައި ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ ގއ. މާމެންދޫގައި ހިނގި ގްރޫޕް މާރާމާރީއެއްގައި 17 އަހަރުގެ ކުއްޖަކު މަރުވުމާ ގުޅިގެންނެވެ. "ގޭންގްތައް ރޫޅާލާ، މި ބިރުވެރިކަމާ ލޭ އޮހޮރުވުން ނިމުމަކަށް ގެންނަން ޖެހޭ،" ޢުމަރު ވިދާޅުވެފައިވެއެވެ.

މިއީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި މިގޮތަށް ރާއްޖޭގައި މަރުވި ނުވަތަ މަރާލެވުނު ފުރަތަމަ ކުއްޖާއެވެ.

މި ކުއްޖާ މަރުވި މައްސަލާގައި ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން 4 މީހަކު 15 ދުވަހަށް ބަންދު ކުރުމަށްވަނީ މުއްދަތު ޖަހައިފައެވެ. އެކަކު 10 ދުހަށް ބަންދުކުރުމަށް ވަނީ މުއްދަތު ޖަހައިދީފައެވެ.

ޢުމަރު ވިދާޅުވީ އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ވެސް މިފަދަ ކަންކަން ހުއްޓުވުމަށް ވަރަށްބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ބައެއް ދަތިތަކާހެދި ވަކި ހިސާބަކުން އެކަންކަން ހުއްޓުމަކަށް އައެވެ. އެންމެފަހުން ޢުމަރަށް ޖެހިވަޑައިގެންނެވީ އިސްތިއުފާ ދެއްވާށެވެ.

ޢުމަރަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރެއްވި ފުރަތަމަ ބޭފުޅާއެވެ. އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑއިގެންފިނަމަ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލު ކުރައްވާނެ ކަމަށެވެ. އަދި ޑްރަގް މައްސަލަ ވެސް ޙައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެންމެ އިސްކަމެއް ދެއްވާނެ އެއް ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރުގެ ޚަރަދާއި ޓެކްސް ކުޑަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ޝަރީޢާގެ އުސޫލުތަކާއި ހަމަތަކަށް ބާރު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.