މާބޮޑަށް މޫސުން ގޯސްވެއްޖެނަމަ ފްލައިޓް ގަޑިތަކަށް ބަދަލު އައުން އެކަށީގެންވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ބުނެފިއެވެ.

ދަތުރުކުރާ ފަރާތްތަކުން ފްލައިޓް ގަޑިތަކަށް އައިސްދާނެ ބަދަލަކަށް، ސަމާލުވުމަށް އެކުންފުނިން އިލްތިމާސްކުރައްވައެވެ.

މާބޮޑަށް މޫސުން ގޯސްވެ ގަޑިއަށް އެއަރޕޯޓާ ހަމައަށް ނާދެވިދާނެ ޙާލަތަކަށްބަލާ، ވަގުތު އޮއްވައި ކުރިއާލާ ޗެކިން ގަޑިއަށް ދިއުމަށްވެސް އެމްއޭސީއެލް އިން ވަނީ އިރުޝާދު ދީފައެވެ. އަދި ފެރީގައި އެއަރޕޯޓަށް ދަތުރުކުރާ މީހުންވެސް މޫސުންމަށް ސަމާލުވުމަށް އެމްއޭސީއެލްއިން އެދެއެވެ.

ހުޅަނގު މޫސުމާގުޅިގެން ބޭ އޮފް ބެންގޯލްގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މުޅި ރާއްޖެއްށް މޫސުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި މުޅި ރާއްޖެއަށް ވިއްސާރަކުރަމުންދާކަމަށާއި ކުރިއަށް އޮތް 3 ދުވަހުވެސް ވަރަށް ބޮޑަށް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ބުނެއެވެ.