ދެމެހެއްޓެނެވި ޕްރޮޖެކްޓުތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން "ބޭންކް ފަންޑް" ތައާރަފުކޮށްފިއެވެ.

މުޖުތަމައުއަށް ފައިދާކުރާ ދެމެހެއްޓެނެވި އިޖުތިމާއީ ޕްރޮގްރާޟުތަށް ހިންގާ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލްއިން "ބޭންކް ފަންޑް" ގެ ނަމުގައި އައު ޕްރޮޖެކްޓެެއް އިފުތިތާހުކޮށްފިއެވެ. މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، އެ ފަސް ޖަމިއްޔާއަށް 200،000 ރުފިޔާގެ ހިލޭ މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ މި ތައާރަފު ކުރި "ބޭންކް ފަންޑް"ގެ މަގުސަދަކީ ރާއްޖޭގައި ހިންގާ އިޖުތިމާއީ ޕްރޮޖެކްޓުތަކަށް މާލީ ފަސޭހަކަމެއް ފޯރުކޮށްދިނުން ކަމަށެވެ. މީގެއިތުރުން ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް 2019 އިން ފެށިގެން ވަނީ އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ. އަދި "ބޭންކް ފަންޑް" މެދުވެރިކޮށް ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

'ބޭންކް ފަންޑް' ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މިފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖޫން 2024 ގެ ރޭގަނޑު 11:00 އެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހަޅޭނެއެވެ.