ފީފާއަށް 120 އަހަރު ފުރުމުގެ މުނާސަބަތު ފްރާންސްގެ ޕެރިސްގައި ކުރިއަށް ގެންގޮސްފިއެވެ.

ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ އިސްނަގައިގެން ކުރިއަށް ގެންދިޔަ މި އުފާފާޅުކުރުމަކީ 1904 ވަނަ އަހަރުގެ މެއި 21 ވީ ދުވަހު އުފެދުނު ފުޓުބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާއަށް 120 އަހަރު ފުރުމުން ކުރިއަށް ދިޔަ އުފާފާޅުކުރުމެކެވެ.

ފީފާއަށް 120 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ފުޓުބޯޅައިގެ އެންމެ ބޮޑެތި ބައެއް ލެޖެންޑުން ވަނީ އެ ބޭފުޅުންގެ ކެރިއަރުގައި އެންމެ ހަނދާން ހުންނަ ވަގުތުތައް ހިއްސާކޮށްފައެވެ.

"އަހަރެން އެންމެ ހަނދާން ހުންނަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕު ބްރެޒިލްއާއެކު ކާމިޔާބު ކުރި ހަނދާން. ދުނިޔޭގެ ޗެމްޕިއަނަށްވެ ހުރެ އެތަށި އުފުލާލަން ލިބުމަކީ ބޮޑު ޝަރަފެއް އަހަންނަށް ލިބުނު" ބްރެޒިލްގެ ލެޖެންޑެއް ކަމުގައިވާ ކަފޫ ބުންޏެވެ.

"އަހަރެން އެންމެ ހަނދާން ހުންނަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕު ހިއްލާލި ދުވަހުގެ މަތިން. އަހަރެން އެންމެ ހަނދާން ހުންނަ ދެ ކަމަކީ ފައިނަލުން މޮޅުވެ އެ ތަށި ހިއްލާލި ހަނދާނުގެ އިތުރުން ވަރުގަދަ ބްރެޒިލް އަތުން 7-1 އިން މޮޅުވި ހަނދާން. އެހާ ބޮޑު ތަފާތަކުން ބްރެޒިލް ކަހަލަ ބޮޑު ޓީމެއް ބަލިކޮށްލެވުމަކީ ހަނދާނުން ނުފިލާނެ ކަމެއް" ރެއާލް މެޑްރިޑަށް ކުރިން ކުޅެދިން, ޖަރުމަނުގެ މިޑްފީލްޑަރެއް ކަމުގައިވާ ސަމީ ކެދިރާ ބުންޏެވެ.

ports

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ނުވަތަ ފީފާއަކީ ފުޓުބޯޅަ, ބީޗު ސޮކާ އަދި ފުޓްސަލްގެ ކަންކަން ބަލަހައްޓާ މައި އިދާރާއެވެ. ފީފާއަކީ މިހާރު 211 ގައުމެއްގައި ފުޓުބޯޅައިގެ ކަންކަން ބަލަހައްޓާ އިދާރާއެވެ. ފީފާ އުފެދުނީ ފްރާންސްގެ ޕެރިސްގައި ކަމުގައިވިއަސް ފީފާގެ ހެޑްކުއާޓާ އިންނަނީ ސުވިޒަލޭންޑްގެ ޒޫރިކްގައެވެ.