ނޯވޭއިން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް މިމަހުގެ 28 ވަނަ ދުވަހު ރަސްމީކޮށް ބަލައިގަންނަން ނިންމާފައިވާކަން އިއުލާނު ކޮށްފިއެވެ.

މި ނިންމުމަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު އަޔަލޭންޑް، ސްޕެއިން، ސްލޮވޭނިއާ އަދި މާލްޓާއިން ދާދި ފަހުން ވެފައިވާ ވައުދުތަކާ އެއްގޮތް ނިންމުމެކެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޯވް ގަލަންޓް ގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރެއް ކަށަވަރުކޮށްފި ނަމަ އެ ދެ ބޭފުޅުން ހައްޔަރު ކުރާނެ ކަމަށްވެސް ނޯވޭ އިން ވަނީ ބުނެފައެވެ. ނޯވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބާތު އީޑޭ ވިދާޅުވީ، ނަތަންޔާހޫ ނޯވޭއަށް ވަޑައިގެންފިނަމަ، އޭނާ ހައްޔަރުކުރާނެކަމަށެވެ. އީޑޭ ތަކުރާރުކޮށް ވިދާޅުވީ އައިސީސީން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ މީހަކު ނޯވޭގެ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓާ ހަވާލުކުރާނެ ކަމަށެވެ.

ދާދި ފަހުން އައިސީސީގެ ޕްރޮސެކިއުޓާ ޖެނެރަލް ކަރީމް ޚާން ވަނީ އިސްރާއީލުގެ ލީޑަރުންނާއި ފަލަސްތީނުގެ ރެސިސްޓެންސް ޖަމާއަތެއް ކަމަށްވާ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައެވެ. ނޯވޭގެ ޚާރިޖީ ވަޒީރު އީޑޭ ވަނީ އައިސީސީގެ ހުރިހާ މެމްބަރު ގައުމުތަކުން ވެސް ހައްޔަރު ކުރުމުގެ އަމުރެއް ނެރުމާ ގުޅޭ ގޮތުން ގާނޫނީ ޒިންމާއަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.