އައްޑޫ ސީޓިން އިތުރު ދެމީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ އަންހެނަކާއި ކުޑަ ފިރިހެން ކުއްޖެކެވެ. އެއީ ހިތަދުއަށް ނިސަބަތްވާ މީހަކާއި މަރަދޫފޭދުއަށް ނިސްބަތްވާ ކުއްޖެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިހާރު އެއާޕޯޓް ކްލަސްޓަރ އިން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 24 އަށް އަރައިފައެވެ. އަދިވެސް ގެންދަނީ ކޮންޓެކްޓް ޓްރޭސިން ހެދުމާއި ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ ހިތަދޫ ފަޒާ 2 ނަމަކަށް ކިޔާ ފިހާރައަކުން އަންހެން ކުއްޖަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް އެތަން ބަންދުކޮށް މޮނިޓަރިންއަށް ނުލާ ކަމުގެ ޝަކުވާ ބައެއް މީހުންވަނީ އުފުލައިފައެވެ. އެހެންނަމަވެސް އެ ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރަމުންދާ ކަމަށް އެނގިފައިވެއެވެ.

އައްޑޫ ސިޓީގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރިފައި އޮވެދާނެކަނަށް އެޗުޕީއޭއާ ހަވާލާ ދެއްވައި އައްޑޫ މޭޔަރު ޢަބްދުﷲ ސާދުގުވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެންމެން ވެސް އެޗުޕީއޭގެ ގައިޑްލައިންތަކަށް ޢަމަލުކޮ ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަ ކުރުމަށް މޭޔަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އައްޑޫގައި ވަނީ އެއްގެއިން އަނެއްގެއަށް ޒިޔާރަތް ކުރުން މަނާކޮށްފައެވެ. އަދި ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓުތައް ވެސް ވަނީ ބަންދުކޮށްފައެވެ. މިރޭ 8:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް އެއްގަމު އުޅަނދު ފަހަރު ވެސް ނުދުއްވޭނެ ގޮތަށް އެޗުޕީއޭއިން ވަނީ ނިންމަވައިފައެވެ.