ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި 3-0 އިން ލެވަކޫސަން ބަލިކޮށް, 61 އަހަރަށްފަހު އެޓަލަންޓާ ތަށްޓެއް ކާމިޔާބު ކޮށްފިއެވެ.

އަވީވާ ސްޓޭޑިއަމްގައި ކުޅެވިގެންދިޔަ ފޯރިގަދަ ފައިނަލުގައި އެޓަލަންޓާގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. މެޗު ފެށިގެން އެންމެ 12 މިނެޓު ތެރޭގައި އެޓަލަންޓާއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެޑަމޮލާ ލުކްމޭންއެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ލުކްމޭން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ އެޓަލަންޓާގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. ލުކްމޭންގެ ދެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން އެޓަލަންޓާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ލެވަކޫސަން ވަނީ ލަނޑެއް ޖެހުމަށް ފުރުސަތުތަކެއް ފަހިކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެޓަލަންޓާގެ ވަރުގަދަ ޑިފެންސް ލައިނު ވަނީ ލެވަކޫސަންގެ އެޓޭކުތައް ފަސޭހަކަމާއެކު މަތަކޮށްފައެވެ.

ލެވަކޫސަންއަށް ކަންކަން ގޯހުން ގޯހަށް ދިޔައީ މެޗުގެ 75 ވަނަ މިނެޓުގައި ލުކްމޭން އޭނާގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށް, އޭނާގެ ހެޓްރިކް ފުރިހަމަ ކުރުމުންނެވެ. އެއާއެކު ލުކްމޭން ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ. އަދި އޭނާ ވަނީ ޔޫއެފާގެ މުބާރާތެއްގެ ފައިނަލުގައި ހެޓްރިކެއް ހެދި ހަވަނަ ކުޅުންތެރިޔާއަށް ވެފައެވެ.

ލުކްމޭންގެ ހެޓްރިކާއެކު އެޓަލަންޓާ ވަނީ ޖެހިޖެހިގެން 51 މެޗުން ބަލިނުވެ ފުޓުބޯޅަ ދުނިޔޭގެ ރެކޯޑެއް ހަދާފައިވާ ލެވަކޫސަން ބަލިކޮށް, އެ ޓީމުގެ ތާރީހުގައި ދެވަނަ ފަހަރަށް ތަށްޓެއް ކާމިޔާބު ކޮށްފައެވެ.