ގެއްލިފައިވާ ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު ހޯދަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި ގެއްލިފައިވާ ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދާ ފަރާތެއް ހޯދަމުންދާ ކަމަށެވެ. އެ މީހާ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ކަމުގައިވިއަސް އަދި އެ މީހާގެ ވަނަވަރު އެނގިފައިނުވާ ކަމަށް ޕޮލިހުން ވަނީ ހާމަކޮށްފައެވެ.

ފުލުސް އިދާރާއިން ވަނީ ގެއްލިފައިވާ ކޭޝްކާޑުން ވިޔަފާރި ކުރަމުންދާ ފަރާތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. އަދި އެ ވީޑިއޯގައި ފެންނަ ޒުވާން ފިރިހެން މީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9631699 އަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ މި ފަދަ ފަރާތްތަކުން ހޯދުމަށް އާއްމު ރައްތިޔުންގެ ފަރާތުން ލިބިގެންދާ އެއްބާރުލުން ފާހަގަކޮށް, އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.