މި އަހަރު އޮންނަ ކޮޕާ އެމެރިކާއަށް ފިޔާތޮށި ކާޑެއް ތައާރަފު ކުރުމަށް ނިންމައިފިއެވެ.

ސައުތު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ ކަމުގައިވާ ކޮންމެބޮލްއިން ވަނީ ފިޔާތޮށި ކާޑެއް ތައާރަފު ކުރަން ނިންމާފައި ވާ ކަމަށް އިއުލާނުކޮށްފައެވެ. ކޮންމެބޮލް ވަނީ މި އަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާގައި މި ކާޑު ބޭނުން ކުރަނަ ފެށުމަށް ނިންމާފައެވެ.

ކޮންމެބޮލްއިން ތައާރަފު ކޮށްފައިވާ ފިޔާތޮށި ކާޑަކީ ހަވަނަ ކުޅުންތެރިޔަކު ބަދަލު ކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ބޭނުން ކުރާ ކާޑެކެވެ. ކޮޕާ އެމެރިކާގައި ހުއްދަ ކުރަނީ ކޮންމެ މެޗެއްގައި ފަސް ބަދަލު ކުރުން ކަމުގައިވިއަސް, ކުޅުންތެރިޔެއްގެ ބޮލަށް އަނިޔާއެއް ވެގެން ދަނޑުން ފައިބަން ޖެހިއްޖެ ހާލަތުގައި ފިޔާތޮށި ކާޑުގެ ބޭނުންކޮށް, އެ ޓީމަށް ހަ ކުޅުންތެރިން ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

މި އަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާގައި 16 ޓީމަކުން ބައިވެރިވެއެވެ. އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ 21 ޖޫން ވާ ދުވަހުއެވެ. މި މެޗުގައި ވާދަ ކުރާނީ އެންމެ ފަހުން ކޮޕާ އެމެރިކާ ހިއްލާލި އާޖެންޓީނާ އާއި ކެނެޑާއެވެ.