އެފްއޭ ކަޕުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ, މެންޗެސްޓާ ޔުނައިޓެޑު މުބާރާތް ކާމިޔާބު ކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ސިޓީއެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑެވެ. މި ލަނޑަކީ ސިޓީގެ ޑިފެންޑަރު ޖޮޝްކޯ ގުވާޑިއޮލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އަލެހަންޑްރޯ ގަރްނާޗޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ސިޓީއަށް ކަންކަން އިތުރަށް ގޯސްވީ މެޗުގެ 39 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ހުނަރުވެރި މިޑްފީލްޑަރު ކޮބީ މައިނޫ ލަނޑު ޖަހާ ޔުނައިޓެޑުގެ ލީޑު ދެ ގޯލަށް އިތުރު ކުރުމުންނެވެ. މައިނޫގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ސިޓީ ނިކުތީ ޓީމަށް ބަދަލުތަކެއް ގެނެސްގެންނެވެ. މެތިއު ކޮވްޗިޗް އަދި ނޭތަން އާކޭގެ ބަދަލުގައި ޖެރެމީ ޑޯކޫ އަދި މެނުއަލް އަކަންޖީ ވަނީ ދެވަނަ ހާފަށް ކުޅުމުގެ ތެރެއަށް ވަދެފައެވެ. ދެވަނަ ހާފުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޔުނައިޓެޑުގެ ޑިފެންސް ލައިން ވަނީ ހުށިޔާރު ކަމާއެކު ގިނަ ހަމަލާތައް މަތަކޮށްފައެވެ.
ޔުނައިޓެޑުގެ ޑިފެންސް ލައިން ފޫއަޅުވާލާ ސިޓީއަށް ސުންކަނޑާލެވުނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޖެރެމީ ޑޯކޫ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ނަމަވެސް މެޗުގެ ވަގުތު ހަމަވެގެންދިޔައިރު ވެސް ސިޓީއަށް ނަތީޖާ ހަމަހަމަ ނުކުރެވުމާއެކު ޔުނައިޓެޑު ވަނީ އެފްއޭ ކަޕުގެ ތަށި ހިއްލާލާފައެވެ.
އެފްއޭ ކަޕު ކާމިޔާބު ކުރެވުމާއެކު ޔުނައިޓެޑަށް ދެން އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގައި ކުޅެވިގެންދާނެއެވެ. ލީގު ތާވަލުގައި އަށްވަނައިގައި އޮތް ކަމުގައިވިއަސް އެފްއޭ ކަޕު ކާމިޔާބު ކުރާ ޓީމަކަށް ޔޫރޮޕާ ލީގުގައި ކުޅެވޭނެ ކަމުގެ ގަވާއިދުގެ ދަށުން ދެން އަންނަ ސީޒަނުގައި ޔުނައިޓެޑަށް ޔޫރޮޕާ ލީގުން ވަނީ ޖާގަ ލިބިފައެވެ. އެއާއެކު ކުރިން ޔޫރޮޕާ ލީގުގައި ކުޅެން ހަމަޖެހިފައިވާ ޗެލްސީ ވަނީ ޔޫރޮޕާ ލީގުން ބޭރުވެ ކޮންފެރެންސް ލީގުގައި ކުޅެން ޖެހިފައެވެ.