ދުބާއީން އައިސް ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާއި އަދި އެމީހާ އާއި ކޮންޓެކްޓްވި މީހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.
ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޟިރާރު ވިދާޅުވީ ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނައާ ކޮންޓެކްޓްވި ދެ މީހަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ކޮންޓެކްޓުން ހުރުމާއެކު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމުން ވެސް އެނގިގެން މިދަނީ އެޗްޕީއޭ އިން އަންގާ އެންގުންތަކަށް ތަބާވުމުގެ މުހިންމުކަމެވެ. ފުވައްމުލަކުގައި ބަލި ފެތުރުމުގެ އެއް ސަބަބަކަށް މިވީ ހޯމް ކަރަންޓީނުގެ އުސޫލާ ޚިލާފުވުމެވެ.
ރަށު ތެރޭގައި ބަލި ފެތުރިފައިވާތީ ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ އެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށް އެއް ގެއިން އަނެއް ގެއަށް ދިޔުން ވަނީ މަނާކޮށްފަ އެވެ. އަދި ރެސްޓޯރަންޓްތަކުގައި ޑެލިވަރީގެ ޚިދުމަތް އެކަނި ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.
ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގައި ވެސް ބަލި ފެތުރެމުންދާތީ އެ ސިޓީ ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ނެގެސްފަ އެވެ.