ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާގައި ހިނގި ކުރިމަތިލުންތަކުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލު ސިފައިންތަކެއް ހައްޔަރުކޮއްފައިވާ ކަމަށް ހަމާސްގެ އަރްމްޑް ވިންގުގެ ތަރުޖަމާނަކު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަކު ހައްޔަރު ކުރެވުނީ ކިތައް ސިފައިން ކަމެއް ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ ތަރުޖަމާނު ހާމަކޮށްފައިއެއް ނުވެއެވެ.

"އަހަރެމެންގެ ހަނގުރާމަވެރިން ޒަޔަނިސްޓް ލަޝްކަރެއް ޓަނަލެއްގެ ތެރޭގައި އެމްބޫޝްއަކަށް ވައްދާފަ، ހަނގުރާމަވެރިން އެނބުރި ނުކުތީ ސިފައިންގެ އެންމެން މަރާލާ ނުވަތަ ހައްޔަރުކުރުމަށްފަހު" އަލްޖަޒީރާއިން އާދީއްތަ ދުވަހުގެ ފަތިހު ބްރޯޑްކާސްޓްކުރި ރެކޯޑް މެސެޖެއްގައި އަލް ކަސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެ ވާހަކަ ތައް ދޮގުކޮށްފައެވެ.

"އައިޑީއެފް އިން ސާފުކޮށްދެނީ ސިފައިންގެ މީހަކު ހައްޔަރުކުރ ހާދިސާއެއް ހިނގާފައި ނުވޭ" އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ހަމާސް އިން އާންމުކުރި ވީޑިއޯގައި ފެންނަނީ ލޭ އޮހޮރުވާފައި ހުރި މީހަކު ޓަނަލެއްގެ ތެރޭގައި ބިންމަތީގައި ދަމައިގެންދާ މަންޒަރާއި އަސްކަރީ ހެދުންތަކާއި ރައިފަލެއްގެ ފޮޓޯތަކެވެ. އެ ވީޑިއޯއިން ފެންނަ މީހާގެ އައިޑެންޓިޓީ އާއި އޭނާގެ ހާލަތު ކަށަވަރު ކޮށްދެވިފައެއް ނުވެއެވެ.