އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 6 ކުދިން މަރުވެއްޖެއެވެ.

ދިއްލީގެ ފަޔަރ ސަރވިސަސްގެ ޗީފް އަތުލް ގަރްގް ވިދާޅުވީ ހޮސްޕިޓަލުގައި އަލަށް އުފަންވި 12 ކުއްޖަކު ސަލާމަތްކުރި ނަމަވެސް އަލިފާނުގެ ހާދިސާގައި ހަ ކުއްޖަކު މަރުވެފައިވާ ކަމަށެވެ. ސަލާމަތްކުރި ކުދިންގެ ތެރެއިން އެއްކުއްޖަކު ހާލު ސީރިއަސް ކަމަށާއި އިތުރު ފަސް ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށް ގަރްގް ވިދާޅުވިއެވެ.

ގަރްގް ވިދާޅުވީ ސަލާމަތްކުރި ތުއްތު ކުދިން ދެނެގަނެވިފައި ނުވަނީ އެ ކުދިންގެ އުފަންވުމުގެ ރެކޯޑްތައް އަދި ވެސް ކަމާބެހޭ އިދާރާތަކުން ހޯދިފައި ނުވާތީ ކަމަށެވެ. އަލިފާނުގެ ހާދިސާގައި އުފަންވުމުގެ ރެކޯޑްތައް ހަލާކުވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.

ދިއްލީ ފަޔަރ ސަރވިސަސްއިން ބުނީ ރޭ 11:32 ހާއިރު ކޯލެއް އައި ކަމަށާއި އަލިފާން ނިއްވުމުގެ ނުވަ ޓްރަކެއް އެސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

ގަރްގް ވިދާޅުވީ އަލިފާން ރޯވާން ފެށީ އަވަށްޓެރި އިމާރާތެއްގައި ކަމަށާއި ނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭނގޭ ކަމަށެވެ. ފަޔަރ ސަރވިސްގެ ވީޑިއޯ ފުޓޭޖްތަކުން ފެންނަގޮތުގައި ހޮސްޕިޓަލުގެ ބިމާއި މަތީ ފަންގިފިލާތަކުގައި އަލިފާން ރޯވެ އަނދަމުން ދިޔައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރެވެމުންކަމަށްވެސް ގަރްގް ވިދާޅުވިއެވެ.