ޖަރުމަނުގެ ކަޕު ކަމުގައިވާ ޑީއެފްބީ ޕޮކަލްގެ ފައިނަލުގައި ކައިސަސްލައުޓަން އަތުން 1-0 އިން މޮޅުވެ ލެވަކޫސަން މުބާރާތުގެ ޗެމްޕިއަންކަން ހާސިލުކޮށްފިއެވެ.

ޖަރުމަނުގެ ދަނޑެއް ކަމުގައިވާ އޮލިމްޕިއާސްޓާޑިއޮންގައި ކުޅުނު މެޗު ފެށިގެން ލެވަކޫސަންގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެ ގޮތުން މެޗު ފެށިގެން 17 ވަނަ މިނެޓު ތެރޭގައި ލެވަކޫސަން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ގްރަނިޓް ޝާކާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ލެވަކޫސަންއަށް މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ 44 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު އޮޑިލޮން ކޮސޫނޫއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އެއާއެކު ލެވަކޫސަންއަށް ޖެހުނީ މެޗުގެ ދެވަނަ ހާފު އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅޭށެވެ.

10 ކުޅުންތެރިންނާއެކު ދެވަނަ ހާފުގައި ލެވަކޫސަން ކުޅުން ކަމުގައިވިއަސް ކައިސަސްލައުޓަންއަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ. ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ކަމުގައިވިއަސް ލެވަކޫސަންގެ ޑިފެންސް ލައިން ވަނީ ހުށިޔާރުކަމާއެކު ހުރިހާ ހަމަލާއެއް މަތަކޮށް 1-0 އިން މެޗު ނިންމާލާ, ޑިއެފްބީ ޕޮކަލް ކާމިޔާބު ކޮށްފައެވެ.

ޑީއެފްބީ ޕޮކަލް ކާމިޔާބު ކުރެވުމާއެކު މިއީ ލެވަކޫސަންއަށް މި ސީޒަނުގައި ލިބުނު ދެވަނަ ތަށްޓެވެ. ތާރީހީ ޓްރެބެލްއެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމުގައިވިއަސް ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓަލަންޓާ އަތުން ބަލިވުމުން ލެވަކޫސަންއަށް ވަނީ އެ ހުވަފެން ފުރިހަމަ ނުކުރެވިފައެވެ. ލެވަކޫސަން މި ސީޒަނުގައި ބުންޑަސްލީގާ އާއި ޑީއެފްބީ ޕޮކަލް ކާމިޔާބު ކޮށްފައިވާ އިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެ ޓީމު މި ދެ މުބާރާތް ވެސް ކާމިޔާބު ކުރީ އެއްވެސް މެޗަކުން ބަލިނުވެ ކަމެވެ.