މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައިސް މިހެން ވިދާޅުވީ "ދަ ގާޑިއަން" ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައެވެ.

ރައީސް ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ޚާއްޞަކޮށް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ޒަމާނުއްސުރެ ކުރަމުން ގެންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި 1989 ވަނަ އަހަރުން ފެށިގެން މޫސުމަށް އަންނަ ބަދަލުތަކާ މެދު ބައިނަލްއަގްވާމީ މައިދާނުގައި ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ރާއްޖެ ގެނައިތާ 35 އަހަރު ފާއިތުވެފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އަލިއަޅުވާލައްވާފައިވެއެވެ. މޫސުމީ މައްސަލަތަކުން އަރައިގަތުމަށް ދޭ މާލީ އެހީގެ ތެރެއިން ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ލިބެނީ އެންމެ 14 އިންސައްތަކަން ރައީސް ފާހަގަކުރެއްވިއެެވެ.

މާލީ އެހީ ބެހުމުގައި މިހާރު ކަނޑައަޅާފައިވާ މިންގަނޑުތައް އަލުން އިވެލުއޭޓް ކުރުމަށް ގޮވާލައްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކުގެ ސަބަބުން، އެ ޤައުމުތަކަށް މުހިންމު އެހީތައް ލިބުމަށް ހުރަސްއެޅޭތީ، މިހާރު އަމަލުކުރަމުންދާ އޮނިގަނޑު ފެއިލްވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު އޮންނަ އުސޫލުގެ ތެރެއިން ގައުމުތައް ވަޒަން ކުރާއިރު ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ތަނަވަސްކަން ވަޒަންކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށާއި، އެކަމުގެ ސަބަބުން މާލީ އެހީ ހޯދުމަށް އޮންނަ ފުރުސަތުތައް ގެއްލިގެންދާކަމަށެވެ.

މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމުގެ ސަބަބުން، އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ގައުމުތަކަށް ދޫކުރާ މާލީ އެހީގެ ދޮރު ރާއްޖެއަށް ބަންދުވެފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ދެނެގަތުމުގައި ހުރި އުނިކަންތައްތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ވަކާލާތު ކުރެއްވިއެވެ. އަދި އެކަން ނުކުރެވިއްޖެ ނަމަ އެ ގައުމުތަކުގެ އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލިދާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

ރައީސް ވިދާޅުވި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މިގޮތުން، ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލޭގެ މަޝްރޫއާއި ރަސްމާލޭގެ އިކޯ-ސިޓީ ތަރައްގީކުރުމުގެ ބިންގާ އެޅުން ފަދަ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވެވިއެވެ.

މިމަސައްކަތްތަކާއެކުވެސް، މިފަދަ މަޝްރޫޢުތައް ހިންގުމަށް ހުރި ހުރަސްތައް ނައްތާލުމަށް ކްލައިމެޓް ފަންޑުގެ މާލީ އެހީތެރިކަން އިތުރުކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ 4 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި މަލްޓި-ޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސްއެއް އެކަށައަޅަން ރާއްޖެއިން ގޮވާލާނެކަމަށެވެ. މި އިންޑެކްސްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތައް ރަނގަޅަށް ދެނެގަނެ، މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގު ފަހިކޮށްދިނުމެވެ.

ރައިސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، މުއްސަނދި ޤައުމުތަކުގެ ދައުރު ވަރަށް މުހިންމުކަމަށެވެ. އަވަސް ފިޔަވަޅެއް ނާޅައި، ކުދި ޖަޒީރާ ގައުމުތަކުގެ 65 މިލިއަން މީހުންގެ ފުރާނައާއި ދިރިއުޅުމަށް ނުރައްކާވެދާނެ ކަމުށްވެސް ރައީސް ވިދާޅުވިއެވެ.