ގަވައިދާ ހިލާފަށް ގެންގުޅޭ ވޭޕްކުރުމުގެ ބާވަތްތައް ހުއްޓުވުމަށް ސިންގަޕޫރުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފަސް މިލިއަނަށް ވުރެ ގިނަ ސިންގަޕޫރު ޑޮލަރު (3.7 މިލިއަން އެމެރިކާ ޑޮލަރު) ގެ އީ-ވެޕަރައިޒަރުތަކެއް އަތުލައިގަނެފިއެވެ.

މިއީ މިދިޔަ މާޗް މަހު ހަ މިލިއަން ސިންގަޕޫރު ޑޮލަރަށް ވުރެ ގިނަ ވޭޕް ކުރާ ސާމާނު ހިފެހެއްޓުމަށްފަހު މިހާ ގިނަ އަދަދެއްގެ ވޭޕު ސިންގަޕޫރުގައި އަތުލައިގަތް ދެވަނަ ފަހަރެވެ.

އިމިގްރޭޝަން އެންޑް ޗެކްޕޮއިންޓްސް އޮތޯރިޓީ (އައިސީއޭ) އާއި ހެލްތު ސައިންސް އޮތޯރިޓީ (އެޗްއެސްއޭ) ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހަތަރު ލައްކައަށް ވުރެ ގިނަ އީ-ވެޕަރައިޒަރާއި ކޮމްޕޯނެންޓްސް ވަނީ ހިފަހައްޓާފައެވެ.

މިމައްސަލައާ ގުޅިގެން ސިންގަޕޫރުގައި ސައްހަ ފާސް ނެތި ދިރިއުޅެމުން ދިޔަ ތައިލެންޑުގެ 22 އަހަރާއި 30 އަހަރުގެ ދެ މީހަކު އެ ސަރަހައްދުން ހައްޔަރުކޮށް ތަހުގީގު ވަނީ ފަށާފައެވެ.

ސިންގަޕޫރުގައި ގަވައިދާ ހިލާފަށް ވޭޕް ކުރުމުގެ މައްސަލަ ހިނގަމުންދާ އިރު، ވޭޕް ކުރުމާ ގުޅޭ ކުށްތައް އިތުރުވަމުންދާކަން މި ރެއިޑްގައި ވަނީ ފާހަގަކޮށްފައެވެ. 2023 ވަނަ އަހަރު ކަމާބެހޭ ފަރާތްތަކުން ގާތްގަނޑަކަށް 8،000 މައްސަލަ ބެލިއިރު، މިއީ އޭގެ ކުރީ އަހަރުގެ 5،600 ކުށަށް ވުރެ 43 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް އެކަނިވެސް އީ-ވެޕަރައިޒަރ ގެންގުޅުމާއި ބޭނުންކުރުމުގެ ކުށުގައި 2200 އަށްވުރެ ގިނަ މީހުން ވަނީ ހިފަހައްޓާފައެވެ.

އެޗްއެސްއޭ އާއި އައިސީއޭ އިން ވަނީ ގަވައިދާ ހިލާފަށް ވޭޕް ވިޔަފާރީގައި އުޅޭ މީހުންނަށް ހަރުކަށި އަދަބުތައް ދޭންނެކަމަށް ތަކުރާރުކޮށްފައެވެ. ފުރަތަމަ ފަހަރަށް ކުށްކުރާ މީހުން 10،000 އެމެރިކާ ޑޮލަރާއި/ނުވަތަ 6 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި އޭގެ ފަހުން ކުރާ ކުށްތަކަށް ހަރުކަށި އަދަބުތަކެއް އަންނާނެ ކަމަށެވެ.