ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ގަލޮޅު ދަނޑުގައި ހަލާކުވެފައިވާ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ.

ވުޒާރާއިން ހާމަކުރާ ގޮތުގައި މި މަސައްކަތް ކުރުން ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ކަމުގައެވެ. މި މަސައްކަތަށް ޖުމްލަ 4 މިލިއަން ރުފިޔާ ހޭދާވެގެންދާނެ ކަމަށް ކުޅިވަރު ވުޒާރާއިން ހާމަކުރެއެވެ.

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމުގެ މައްސަލައަކީ ފަހަކަށް އައިސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ލައިޓިން ސިސްޓަމަ ވޯކު ނުކުރާތީ ގަލޮޅު ދަނޑުގައި ކުޅެވިގެންދިޔަ ރާއްޖޭގެ ދެވަނަ ޑިވިޝަނުގެ ހުރިހާ މެޗުތަކެއް ކުޅެން ޖެހިފައިވަނީ ހަވީރެވެ. ރޭގަނޑު މެޗުތައް ނުބޭއްވޭތީ އެ މުބާރާތް ވަނީ ދޮޅު މަހަށް ދިގުލައިގެން ގޮސްފައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.