ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކޮށްދޭން ހަނގުރާމަކުރި ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އަކީ 1976 އިން ފެށިގެން ހަރުކަށި ޢަމަލުތައް ހިންގާފައިވާ ޖަމާޢަތެކެވެ. އަދި ފަހުން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފެށި ޖަމާއަތެކެވެ. އެ ޖަމާއަތުން 26 އަހަރު ހަނގުރާމަކުރި ފަހުން ލަންކާ ސިފައިން އެލްޓީޓީއީގެ މައްޗަށް ގަދަވެ މެއި 18، 2009 ގައި އެ ޖަމާއަތުގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން މަރާލި އެވެ. އެލްޓީޓީއީ، ތަމަޅަ ޓައިގަރސްގެ ނަމުން ވެސް މަޝްހޫރު ވިއެވެ. ޝްރީލަންކާގެ އުތުރާއި، އިރުމަތީގައި ހަނގުރާމަކުރި ޖަމާޢަތެކެވެ. ސިންގަޅައިން ގިނައިން އުޅޭ ޝްރީލަންކާގެ ސަރުކާރުން އެ ޤައުމުގެ ތަމަޅައިންނާ ދެކޮޅަށް ގެންގުޅުނު ތަފާތުކުރުމުގެ ސިޔާސަތުތަކަށް ރައްދުދީ އެ ޤައުމުގެ އިރުއުތުރުގައި ތަމަޅަ އީލާމް ކިޔާ މިނިވަން ތަމަޅަ ދައުލަތެއް އުފެއްދުމަށް އެލްޓީޓީއީ އިން ހަނގުރާމަކުރިއެވެ.

އެލްޓީޓީއީ އުފެދުނީ 5 މެއި 1976 ގައި ތަމަޅަ ނިއު ޓައިގަރސްގެ ގޮތުގައެވެ. އުމާ މަހޭސްވަރަން އޭގެ ލީޑަރަކަށް ވެވަޑައިގެންނެވިއިރު، ޕްރަބާކަރަން އަކީ އަސްކަރީ ކޮމާންޑަރަކަށް ވެވަޑަރެކެވެ. ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް އައްޔަންކުރިއެވެ. އަދި މިޖަމާޢަތުގައި ޓެރަރިޒަމްގެ މާހިރު ރޯހަން ގުނަރަތުނާ ވެސް ފާހަގަކޮށްލެވެއެވެ. ޕްރަބާކަރަން މިޖަމާޢަތުގެ ޢަސްކަރީ ބައިގެ ތަމްރީނުތައް ދަމަހައްޓަމުން ދިޔައެވެ. އެލްޓީޓީއީ އިން ވަނީ ފުލުހުންނާއި ލޯކަލް ޕޮލިޓިޝަނުން ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އަމާޒުތަކޮށް ހަމަލާތަކެއް ދީފަ އެވެ.

އެ ޖަމާއަތުގެ ލީޑަރުކަން ފަހުން ހޯދި ވެލުޕިއްލައި ޕްރަބަކަރަން ބުނެފައި ވެއެވެ. އޭނާ ހަނގުރާމަވެރި އަކަށް ބަދަލުވީ ކުޑައިރު 1958 ވަނަ އަހަރު ތަމަޅައިންނާ ދެކޮޅަށް ހިންގުނު ކަންތައްތަކެއްގެ ސަބަބުން ކަމުގައެވެ. ޝްރީލަންކެގެ އާބަދީގެ 74.9 އިންސައްތަ އަކީ ސިންގަޅައިންނެވެ. އަދި 11.2 އިންސައްތަ އަކީ ތަމަޅައިންނެވެ. ސިންގަޅައިންނަކީ ބުޑިސްޓުންނެވެ. އަދި ތަމަޅަ އިންނަކީ ހިންދޫންނެވެ. މި ދެ ނަސްލުގެ މެދުގައިތަފާތުތަކެއް ހުއްރެވެ. ބަހާއި، ދީނީ ގޮތުންނާއި، ޘާޤާފީ ގޮތުން ވެސް ބައިބައިވުންތަކެއް ހުރެއެވެ.

1972 ވަނަ އަހަރު އެ ޤައުމުގެ ޤާނޫނު އަސާސީގައި ބުޑިޒަމް އަކީ ޤައުމުގެ އަސާސީ ދީނެގެ ގޮތުގައި ކަނޑައެޅުމާއި، ސިންގަޅަ ބަހަކީ އެ ޤައުމުގެ ޤައުމީ ބަސްކަމުގައި ކަނޑައެޅިއެވެ. 1974 ވަނަ އަހަރު ބޭއްވި ތަމަޅަ ކޮންފަރެންސްގައި ހިނގައި ދިޔަ ޙާދިސާގެ ބަދަލު ހިފުމުގެ ގޮތުން 1975 ވަނަ އަހަރު ޕުރަބާކަރަން ވަނީ ޖެފްނާގެ މޭޔަރު މަރާފައެވެ. ފަހުން އެލްޓީޓީއީ އުފެދުނީ 1976 ވަނަ އަހަރު އެވެ. ފުރަތަމަ ވެރިއަކަށް ހުރީ އޭގެ ފަހުން ސަރުކާރުގެ އަމާޒުތަކަށާއި، ފުލުހުންނާއި، ޤައުމުގެ ސިޔާސަތްދާނުންނަށް ޙަމަލާ ދިނުމުގައި އެލްޓީޓީއީ ބައިވެރިވިއެވެ. އަދި ހަމަނުޖެހުންތަކުގައި ހަތިޔާރު އެޅި ސިފައިންނާ ދެކޮޅަށް ހަތިޔާރާއެކު ކުރިއަށް ދިޔަ އެވެ.

ޝްރީލަންކާގެ ތަމަޅައިންނާ ދެކޮޅަށް ސިންގަޅައިންގެ ގިނަ ބަޔަކު ޙަރަކާތްތެރިވަމުން ގެންދިޔައެވެ. ފާހަގަކޮށްލެވޭ ގޮތުގައި 1977 ވަނަ އަހަރު ތަމަޅައިންނާ ދެކޮޅަށް ހިނގި ކަންތައްތަކާއި، 1981 ވަނަ އަހަރު 'ބްލެކް ޖުލައި'ގެ ނަމުން މަޝްހޫރުވި ޙަރަކާތާއި، ސިންގަޅަ ޖަމާއަތްތަކުން 1983 ވަނަ އަހަރުގެ ޖުލައި މަހު ތަމަޅައިންނާ ދެކޮޅު ހިންގި ޙަރަކާތްތަކެއް ފާހަގަވެއެވެ. އޭގެ ފަހުން އެލްޓީޓީއީ އިން މެދުކެނޑުމެއް ނެތި ހިންގި ހަމަނުޖެހުންތަކުން އެ ޤައުމުގައި އެ ޙަރަކާތް، ދާޚިލީ ހަނގުރާމަ އަކަށް ބަދަލުވިއެވެ. އެ ދުވަސްވަރު އެލްޓީޓީއީ އަކީ އެ ޤައުމުގައި އެންމެ ބާރުގަދަ ތަމަޅަ ހަނގުރާމަވެރި ޖަމާއަތެވެ.

ގެރިއްލާ ހަނގުރާމައިގެ އުކުޅުތަކެއް ގެންގުޅުނު އަދި ގޮތްދޫނުކުރާ ގުރޫޕެއްގެ ގޮތުގައި މަޝްހޫރުވިއެވެ. އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އެލްޓީޓީއީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިޢުލާންކުރިއެވެ. އެފްބީއައި އިން ބުނެފައި ވާގޮތުގައި އެލްޓީޓީއީ އަކީ އަމިއްލައަށް މަރުވާ މީހުންނާއި ސުއިސައިޑް ބެލްޓާއި، އަންހެނުން އިސްވެ ތިބެގެން އަމިއްލައަށް މަރުވެ ޙަމަލާތަކާއި، ނިރުބަވެރި އުކުޅުތައް ގެންގުޅުނު ޖަމާޢަތެއް ކަމުގައެވެ.

އެލްޓީޓީއީގެ ޙަރަކާތްތަކުގައި ވަނީ ސްރީލަންކާގެ ރައީސެއް ކަމުގައިވާ ރަނާސިންހޭ ޕްރޭމަދާސާ ވެސް އަވަހާރަކޮށްފަ ވެއެވެ. އޭގެ އިތުރުން ޝްރީލަންކާގެ ބޯޑަރުން ބޭރަށް ވެސް ފުޅާވެގެން ގޮސްފައި ވެއެވެ. އެގޮތުން އެ ޖަމާޢަތުން އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރާޖީވް ގާންދީ އަވަހާރަކޮށްލިއެވެ. އަދި ދާޚިލީ މި ހަނގުރާމައިގެ ދުވަސްވަރު ޖަރީމާތައް ހިންގީ ހަމައެކަނި އެލްޓީޓީއީ އެއް ނޫނެވެ. ބާރު ހޯދުމުގެ މަސައްކަތުގައި ދެ ފަރާތުން ވެސް އަނިޔާވެރި އަދި ލާއިންސާނީ ޢަމަލުތައް ހިންގާފައި ވެއެވެ.

ފުރަތަމަ ގެރިއްލާ ޖަމާޢަތެއްގެ ގޮތުގައި ފެށި އެލްޓީޓީއީ އިން ޙަރަކާތްތެރިވީ ކަނޑާއި، ވައިގެ ހަނގުރާމަވެރި ޔުނިޓަކާއި ޖާސޫސީ ވިންގަކާއި އެކުއެވެ. ޚާއްޞަކޮށް ހަށިގަނޑު ގޮއްވާ (ސްވިސައިޑް) ޔުނިޓެއް ހިމެނޭ ގޮތަށް ތަރައްޤީވެފައި އޮތް އަސްކަރީ ބާރެކެވެ. އެލްޓީޓީއީ އިން ހަތިޔާރެއްގެ ގޮތުގައި ސުއިސައިޑް ވެސްޓް ބޭނުންކުރިއެވެ. އެބައި މީހުންގެ ވައިގެ ބަނދަރެއް ޤާއިމުކޮށް އަމިއްލަ ހަނގުރާމަ މަތީ ވައިގެ އުޅަނދުން ޙަމަލާތައް ވެސް ދީފައި ވެއެވެ. މީގެ އިތުރަށް އެލްޓީޓީއީއަށް މަޝްހޫރުކަން ލިބުމުގައި ހަނގުރާމައިގައި އަންހެނުންނާއި ކުޑަކުދިން ބޭނުންކުރުމުގެ އިތުރުން ޝްރީލަންކާގެ ގިނަ ޢަދަދެއްގެ މަތީ ފެންވަރުގެ ލީޑަރުން އަވަހާރަކޮށްލުން ވެސް ފާހަގކުރެއެވެ.

ސިންގަޅައިންނާއި، ތަމަޅައިގެ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން އެލްޓީޓީއީގެ ފަހަތުގައި ތަމަޅަ އިތުރު ޖަމާޢަތްތަކެއް އުފެދިފައި ވެއެވެ. ނަފްރަތާއި، ބައިބައިވުމުގެ ސިޔާސަތުތަކުގެ ސަބަބުން ތަމަޅަ ގިނަ ލީޑަރުންގެ މެދުގައި ވަކިވެގަތުމުގެ ފިކުރު އުފެދުނެވެ. ފުރަތަމަ 1970 ގެ އަހަރުތަކުގެ ތެރޭގައި، މިނިވަން ތަމަޅަ ދައުލަތެއް ހޯދުމަށް ފުރަތަމަ ހިންގީ ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކެކެވެ. ޝްރީލަންކާގެ ސަރުކާރާއެކު ސުލްޙައިގެ މަޝްވަރާތައް ހަތަރު ބުރަކަށް ބޭއްވުނެވެ. ނަމަވެސް ވީ ނާކާމިޔާބެވެ.

އޭގެ ފަހުން ތަމަޅައިން، އެ ޤައުމުގެ އަސްކަރިއްޔާ އާއި ދެކޮޅަށް ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކެއް ކުރިއަށް ގެންދިޔަ އެވެ. އަދި އެލްޓީޓީއީ އިން އިރުއުތުރުގެ ސަރަހައްދުގެ ކޮންޓްރޯލް ނެގިއެވެ. 2000 ވަނަ އަހަރު އެޤައުމުގެ އުތުރާއި އިރުމަތީ ސަރަޙައްދުތަކުގެ ބިމުގެ 76 އިންސައްތަ ކޮންޓްރޯލް އޮތީ އެލްޓީޓީއިގެ ބާރުގެ ދަށުގައެވެ. އެލްޓީޓީއީ އުފެދުނު ދުވަހުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް އެޓީޓީއީގައި ބައިބައިވުން އުފެދުނެވެ. ވަކިވަކި ޖަމާޢަތްތަކެއްގެ ގޮތުގައި ވެސް ހަނގުރާމަކުރެވުނެވެ. އެހެން ނަމަވެސް އެއްމެ ބާރުގައިވެފައި އޮތީ ޕްރަބަކަރަން އިސްވެ ހުރި ޖަމާޢަތެވެ. 1983 އިން ފެށިގެން 2009 އާ ދެމެދު ދާޚިލީ މި ހަނގުރާމައިގައި މަދުވެގެން 100،000 (އެއްލައްކަ) މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ތަމަޅަ މީހުންނެވެ. އަދި 800،000 (އަށްލައްކަ) ތަމަޅައިން ޤައުމު ދޫކޮށް ފުރައިގެން ޔޫރަޕާއި، އުތުރު އެމެރިކާ އާއި އޭޝިއާ ފަދަ އެކި މަންޒިލްތަކަށް ދިޔައެވެ.

ނޯޓު: މި ލިޔުމަށް މަޢުލޫމާތު ނަގާފައި ވަނީ "އަލްޖަޒީރާ" އިންނެވެ.